ޚަބަރު

މީމިސްގެ ސަބަބުން ސުކޫލަށް ހާޒިރުނުވާ ކުދިންގެ ނިސްބަތް ދަށްކުރެވިއްޖެ


މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) ބޭނުންކުރަންފެށިފަހުން ސުކޫލަށް ހާޒިރުނުވާ ކުދިންގެ ނިސްބަތް 70 އިންސައްތައިން 30 އިންސައްތައަށް ދަށްކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މީމިސްއަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ މަޢުލޫމާތު އެއްކުރުމަށާއި، ރިޕޯޓް ފޯމު ހެދުމަށް ޚާއްޞަ ކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމް ރަސްމީކޮށް ލޯންޗްކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މީމިސް މެދުވެރިކޮށް ދަރިވަރު ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި، ދަރިވަރުންގެ އަޚުލާޤާއި، ކިޔެވުމާއި، ޞިއްޙަތާ ގުޅުން ހުރި މަޢުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރަމުން ދާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ހެޑް އޮފް ފޮރިން ރިލޭޝަން އައިމިނަތު ނަމްޒާ ވިދާޅުވީ، މީމިސްގެ ސަބަބުން ހާޒިރީ ބެލުމަށް ލުއިފަސޭހަ ވެގެންދިޔަކަމަށެވެ. އެގޮތުން މީމިސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓީޗަރުންނަށް ވަގުތުން ވަގުތައް ކުލާސްރޫމްގައި ހުރެގެން ހާޒިރީ މާރކުކޮށްލެވޭކަމީ ވަރަށް ބޮޑު ފަސޭހައެއްކަމަށް ނަމްޒާ ވިދާޅުވިއެވެ.

މީމިސް ބޭނުންކުރަން ފެށުމުގެ ނަތީޖާއަކަށްވެގެންދިޔައީ ސުކޫލަށް ހާޒިރުނުވާ ކުދިންގެ ނިސްބަތް 70 އިންސައްތައިން 30 އިންސައްތައަށް ދަށްކުރެވުންކަން ނަމްޒާ ފާހަގަކުރެއްވިއެވެ. މީމިސް މެދުވެރިކޮށް ހާޒިރީ މާރކުކުރުމުގެ ސަބަބުން އެކި ސްޓޭޖްތަކަށް ބަހާލައިގެން ސިޔާސަތު ކަނޑައަޅާ ފެންވަރުގެ ބޭފުޅުންނަށްވެސް ހާޒިރީ ބަލާ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭކަމަށެވެ.

"މީމިސް ބޭނުންކޮށްގެން އަޅުގަނޑުމެން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ފާހަގަކޮށްލަން ބޭނުންވޭ މީމިސްގެ އެހީތެރިކަމާއިއެކުގައި އަޅުގަނޑުމެން މި ކުދިންގެ ހާޒިރީ ރެކޯޑްތައް ފެންނި އެ ރިކޯޑްތަކާއިމެދު އެކިކަހަލަ ފިޔަވަޅުތައް އެޅެންފެށި ހިސާބުން ހާޒިރީ ބެލެހެއްޓުމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދިޔަ. އެއާއިއެކު ނަތީޖާއަކަށް ވެގެންދިޔައީ އަޅުގަނޑުމެންގެ ސުކޫލްތަކުގެ ހާޒިރީ ދަށްވެގެންދިޔަ 70 ޕަސެންޓުން 30 ޕަސެންޓަށް، އަޅުގަނޑުމެންނަށް ކުޑަކުރެވިގެން ދިއުންވެސް. ސުކޫލަށް ނާންނަ ކުދިންގެ އަދަދު" އައިމިނަތު ނަމްޒާ ވިދާޅުވިއެވެ.

މީމިސް މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ޓާރމުގެ ރިޕޯޓް ފޯމު ގުރޭޑް 1 އިން 6 ގެ ދަރިވަރުންނަށް ދީފައިވަނީވެސް މި ސިސްޓަމްގެ ތެރެއިންނެވެ. އެއީ ގާތްގަނޑަކަށް 40 ހާހަށްވުރެ ގިނަ ކުދިންކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ކުރިއަށްއޮތްތަނުގައި އެހެން ގްރޭޑްތަކުގެ ރިޕޯޓް ފޯމްވެސް ދޭނީ މި ސިސްޓަމް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީމިސްއަކީ ތަޢުލީމީ ނިޒާމަށް އެންމެ ބޭނުންވާ ކަންކަން ހިމެނި، އެންމެ ފައިދާވާނެ ގޮތައް ބައްޓަންކުރެވިފައިވާ ސިސްޓަމަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މި ސިސްޓަމަސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އަދި މިގެނެވޭ ބަދަލުތަކަށް މީމިސް ބޭނުންކުރާ ފަރާތްތައް އަހުލުވެރިކުރުވުމަށް ޚާއްޞަ ޓްރެއިނިންގ ޕްރޮގުރާމްތަކެއްވެސް އަންނަނީ ހިންގަމުންނެވެ.