ޚަބަރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ


ރިޔާސީ އިންތިޚާބު 2018 އަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެއެވެ. ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ޕީޕީއެމުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ކޯލިޝަނުންނެވެ.
ޕީޕީއެމުން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. އެމނިކުފާނުގެ ރަނިން މޭޓަކީ ޑރ މުހައްމަދު ޝަހީލް އަލީ ސައީދުއެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އަދި ރަނިން މޭޓަކީ ޖުމްހޫރިީ ޕާޓީގެ ކާށިދޫ ދާއިރާ މެންބަރު ފައިސަލް ނަސީމް.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ކަލަންޑަރުގައި ވާގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިިއުލާންކުރާނީ އޮގަސްޓް 18 ވަނަ ދުވަހު. އަދި އެދުވަހު ކެނޑިޑޭޓުންނަށް ރަސްމީކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށްވެސް އީސީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 262،141 މީހުން ވޯޓުލުމުގެ ހައްޤު ލބިގެންވެއެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަސް ޤައުމެއް ހިމެނޭހެން މިފަހަރުގެ އިންތިޚާބުގައި 454 ވޯޓުފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.