ޚަބަރު

ޔުނިވަރސަލްގެ ފާރުފުށި ޑިސެމްބަރ މަހު ހުޅުވަނީ


ޔުނިވަރސަލް ރިސޯޓްސްއިން ތަރައްޤީކުރާ ރިސޯޓް ފާރުފުށި މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ ރިސޯޓް ހުޅުވާ ފުރަތަމަ ފަތުރުވެރިންގެ ގުރޫޕަށް ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު މަރުޙަބާ ކިޔާނެކަމަށެވެ.

ރ. އަތޮޅުގައި ތަރައްޤީކުރާ މަތީ ފެންވަރުގެ މި ރިސޯޓްގައި 80 ވިލާ ހުންނާނެކަމަށް ޔުނިވަރސަލް ރިސޯޓްސްއިން ބުނެއެވެ. އޭގެ ތެރޭގައި 10 ބީޗް ބަންގަލޯ އާއި ޕޫލާއެކު 27 ބީޗް ރިޓްރީޓާއި ޕޫލާއެކު 39 އޯޝަން ރިޓްރީޓާއި ޕޫލާއެކު ތިން އޯޝަން ސުއިޓް އަދި އެއް އައިލެންޑް ރެސިޑެންސް ކިޔާ ވިލާއެއް ވެސް ހުންނާނެއެވެ.

މީގެއިތުރުން ޒަމާނީ ފެންވަރަށް ގުދުރަތީ ރީތި މަންޒަރުތައް ފެންނާނެހެން 3 ރެސްޓޯރެންޓާއި، 2 ބާރ ހުންނާނެއެވެ.
މި ރިސޯޓްގައި ފަތުރުވެރިންނަށް ކުރެވޭ ކޮންމެ ތަޖުރިބާއަކީވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެފަދަ ގޮތަކަށް ކުރެވޭނެ ތަޖުރިބާއެއްކަމަށް އެ ރިސޯޓުން ބުނެއެވެ.

ޔުނިވަރސަލް ރިސޯޓްސްއިން 2003 ވަނަ އަހަރުން ފެށިގެން އަންނަނީ ރާއްޖޭގައި މަތީފަންތީގެ ރިސޯޓް ތަރައްޤީކޮށް ހިންގަމުންނެވެ. މި ކުންފުނިން މިހާރުވެސް އަންނަނީ ރާއްޖޭގައި 8 ރިސޯޓެއް ހިންގަމުންނެވެ.