ޚަބަރު

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން އެކަށީގެންވޭ - މެޓް


ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެކު ހިސާބުތަކަށް އުދައެރުން އެކަށިގެންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން، ގަޑިއަކު ފަސް މޭލާ ތޭރަ މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތޭރަ މޭލާ ތޭވީސް މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިންބުނެއެވެ.