ޚަބަރު

"އަހަން" ކެމްޕޭންގައި 2 އަހަރުގެ ތެރޭގައި 4000 ވުރެ ގިނަ ކުދިން


މިދިޔަ 2 އަހަރުގެ ތެރޭގައި 4 ހާހަށްވުރެ ގިނަ ކުދިންނަށް "އަހަން" ކެމްޕޭންގެ ހަރަކާތްތައް ހިންގާފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ބުނެފިއެވެ.

"އަހަން" މި ނަމުގައި ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ މި ކެމްޕޭނަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، އަނިޔާ އާއި ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޙާއްސަ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ސެޝަންތައް އެމިނިސްޓްރީން އެންމެފަހުން ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކު ސިޓީގައެވެ.

ފުވައްމުލަކު ސިޓީގައި 2 ފިޔަވައްސަކަށް ބަހައިލައިގެން ގްރޭން 4 ން 8 އާއި ދެމެދުގެ ގްރޭޑްތަކުގެ ކުދިންނަށް އިންތިޒާމުކުރި މި ކެމްޕޭންގެ ފުރަތަމަ ފިޔަވަހި ހިންގިފައިވަނީ ހުސްވި ނޮވެންބަރު މަހުގެ 21 އިން 22 އަށެވެ. މި ފިޔަވަހީގައި ޖުމުލަ 52 ކުދިން ބައިވެރިވެފައިވެއެވެ. އަދި މި މަހު 17 އިން 19 އަށް ދެވަނަ ފިޔަވަހި ހިންގިފައިވާއިރު، މި ފިޔަވަހީގައި ޖުމުލަ 626 ކުދިން ބައިވެރިވެފައިވެއެވެ.

ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ސެޝަންތަކާއެކު، މިދިޔަ 2 އަހަރު ޖުމުލަ 4،390 ކުދިންނަށް "އަހަން" ކެމްޕޭންގެ ހަރަކާތްތައް ހިންގިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ. 2016 ވަނަ އަހަރު ޖެންޑަރ މިނިސްޓްރީން ފެށިގެން މި ޕްރޮގްރާމް މިހައިތަނަށް ހިންގިފައިވަނީ ކ، ވ، މ، ގދ އަތޮޅުގެ ހުރިހައި ރަށަކާއި، ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށުގައެވެ.

"އަހަން" ކެމްޕޭންގެ މި ސެޝަންތަކުގައި އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން ކުޑަކުދިން ރައްކާތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތްތާއި، މައްސަލަ ރިޕޯޓުކުރާނެ ގޮތްތަކުގެ އިތުރުން، އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.