ކުޅިވަރު

ކުރަމަތި ކަޕް ފުޓްސަލް މުބާރާތް ފަށައިފި


ކުރަމަތި ކަޕް ފުޓްސަލް މުބާރާތް މިއަދު އެރިސޯރޓްގައި ފަށައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ އައިލެންޑް ޗެލެންޖަރސްއެވެ. ތުނޑި އެޗް.ކޭ ވެރިއަރސްއާ ވާދަކޮށް އައިލެންޑް ޗެލެންޖަރސް މެޗު ކާމިޔާބުކުރީ 5-3 ލަނޑުންނެވެ. މެޗުގައި އައިލެންޑް ޗެލެންޖަރސްއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުޙައްމަދު މަމްދޫހުއެވެ. އަނެއް ތިން ލަނޑު ޖެހީ އަހުމަދު ނިސްބާހުއާއި، އަލީ އުޝާމަތުއާއި، އަލީ ޖަމީލްއެވެ. ތުނޑި އެޗްކޭގެ ތިން ލަނޑުވެސް ޖެހީ އަހުމަދު އަހުސަންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިލެންޑް ޗެލެންޖަރސްގެ މައުސޫމް މުޙައްމަދެވެ.

މުބާރާތުގައި ވާދަކުރާ 11 ޓީމް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. މިއީ ކޮންމެ އަހަރަކުވެސް ރިސޯރޓްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އަންނަ މުބާރާތެކެވެ. ކްލަބުން މައުލޫމާތުދޭގޮތުގައި މުބާރާތުގެ ބޭނުމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރަށް މުވައްޒަފުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައިދީ އެކުވެރިކަން ބަދަހި ކުރުމެވެ.

މުބާރާތް ރާވާ ހިންގެވުމުގައި ރާއްޖޭގައި އުފެދުނު އެންމެ ތަޖުރިބާކާރު ރެފްރީ މުޙައްމަދު ސައީދު ބައިވެރިވެއެވެ. މިފަހަރުގެ މުބާރާތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.