ޚަބަރު

ޙަލާލް ކޮންސެޕްޓް އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގައި ޤާއިމު ކުރެވިދާނެ - އެމްސީއައިއެފް


ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައިވެސް ފުރިހަމަގޮތެއްގައި ޙަލާލް ސެޓިފިކޭޝަން ކޮންސެޕްޓް އެންމެ ފަސޭހައިން ޤާއިމުކުރެވޭނެ އެއް ޤައުމުކަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޓަނޭޝަނަލް ޙަލާލް މެނޭޖްމެންޓް ކޮންފަރެންސުން އެނގިގެން ދިޔަކަމަށް މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސުން ބުނެފިއެވެ. މިމަހުގެ 17 އިން 18 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ދެވަނަ އިންޓަނޭޝަނަލް ޙަލާލް ކޮންފަރެންސްގައިވަނީ ރާއްޖޭގައި ޙަލާލް ސެޓިފިކޭޝަން ކޮންސެޕްޓް ޤާއިމުކުރުމަށްޓަކައި 2 ކަރުދާހެއް ހުށަހަޅާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޓަނޭޝަނަލް ޙަލާލް ކޮންފަރެންސްގައި ކުރި މަޝްވަރާތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޙިއްސާކުރައްވަމުން މި ކޮންފަރެންސް އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ ވައިސް ރެކްޓަރ ހިޝާމް ސައީދު ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން ޖުމްލަ 44 ކަރުދާހެއް ހުށަހަޅާ މަޝްވަރާކޮއްފައިވާކަމަށެވެ.

"ސަސްޓެއިނިންގ ގްލޯބަލް ޙަލާލް އީކޯސިސްޓަމް" މި ތީމުގެ ދަށުން ބޭއްވި މި ކޮންފަރެންސްގައި ރާއްޖޭގައި ޙަލާލް ކޮންސެޕްޓްގެ ދަށުން 2 ކަރުދާހެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ ހިޝާމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް މި ކަރުދާސްތަކުގައި މަޝްވަރާކުރި ކަންކަމުން އެދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ. އެގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަލާލް ކޮންސެޕްޓް ފުޅާކުރުމުގެ ފުރުޞަތުތަކާއި ބެހޭގޮތުން މި ކޮންފަރެންސްގައިވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައިވެސް ފުރިހަމަގޮތެއްގައި ޙަލާލް ސެޓިފިކޭޝަން ކޮންސެޕްޓް އެންމެ ފަސޭހައިން ޤާއިމުކުރެވޭނެ އެއް ޤައުމުކަން މި ކޮންފަރެންސުން އެނގިގެންދިޔަކަން ހިޝާމް ފާހަގަކުރެ.އްވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި އެންމެ ބާރަށް ފުޅާ ވަމުންދާ ލޯކަލް ޓުއަރިޒަމް ދާއިރާގެ ގެސްޓް ހައުސް ވިޔަފާރީއަކީ، ސައްތައިން ސައްތަ ޙަލާލް ކޮންސެޕްޓަށް ކުރިއަށްގެންދާ ވިޔަފާރިއެއްކަން ހިޝާމް ފާހަގަކުރެއްވިއެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް ރާއްޖެ އުފެދިފައިވުމަކީ މި ކޮންސެޕްޓް އިތުރަށް ފުޅާކުރުމަށް ލިބޭ އިތުރު ފުރުސަތެއްގެގޮތުގައި ހިޝާމް ފާހަގަކުރެއްވިއެވެ.

އިންޑޮނޭޝިއާ، މެލޭޝިއާ، ނައިޖީރިއާ އަދި ޕާކިސްތާނުން ބައިވެރިވި މި ކޮންފަރެންސްގެ ފުރަތަމަ ބުރު ބާއްވާފައިވަނީ ދެކުނު ކޮރެއާގައެވެ. މި ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ސައިންސް މެލޭޝިއާއާއި މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސްގެ އިތުރުން ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.