ޚަބަރު

ސްޓަރ އައުޓިން ކޭމްޕް ބާއްވައިފި


ގާލްގައިޑް އެސޯސިއޭޝަންއިން ތުއްތު ކުދިންނަށް ބާއްވަމުންއަންނަ ސްޓަރ އައުޓިން ކޭމްޕް ފަށައިފިއެވެ. އެއްދުވަހުގެ މުއްދަތަށް ހުޅުމާލޭ ޣާޒީ ސްކޫލްގައި ކުރިއަށްދާ މި ކޭމްޕަކީ ކޮންމެ އަހަރަކުވެސް ގާރލްގައިޑްގެ އެންމެ ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ކޭމްޕެކެވެ.

މި ކޭމްޕަކީ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކޮށްދީ އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ކުރެވޭނެ ބަޔަކަށް އެކުދިން ހެދުމަށްޓަކައި ކުރިއަށްގެންދާ ކޭމްޕެކެވެ. މިއަހަރުގެ ކޭމްޕްގައި މާލެ، ވިލިމާލެ، ހުޅުމާލޭގެ 10 ސްކޫލްއަކުން 540 ސްޓަރ ކުދިން ބައިވެރިވާކަމަށް ގާރލްގައިޑް އެސޯސިއޭޝަނުން ބުނެއެވެ. މި ކޭމްޕް ޚާއްސަކޮށްފައިވަނީ އުމުރުން 5 އަހަރާއި 6 އަހަރުން ދަށުގެ ކުދިންނަށެވެ.

ގާރލްގައިޑް އެސޯސިއޭޝަންގެ ޔަންގްލީޑަރ ފިރާޝާ މުޙައްމަދު ވިދާޅުވީ ކޮންމެ އަހަރެއްގައިވެސް ބާއްވާ މި ކޭމްޕް ކުރިއަށްގެންދަނީ ވަކި ޝިޢާރެއްގެ ދަށުންކަމަށެވެ. މިގޮތުން މިއަހަރުގެ ތީމްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވަރލްޑް އެސޯސިއޭޝަން ފޯރ ގާރލްގައިޑް އެންޑް ގާރލްސް ސްކައުޓް" މި ޝިއާރެވެ. މިޝިޢާރުގެ ދަށުން ތުއްތުކުދިންނަށް މިނިވަން މާހައުލެއްގައި އެކުވެރިކަން ބަދަހިކޮށް އުޅުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ފިރާޝާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ގިނަ ސްކޫލްތަކަކުން ބައިވެރިވާ މިކޭމްޕަކީ ކާމިޔާބު ކޭމްޕެއްކަން ގާރްލގައިޑް އެސޯސިއޭޝަނުން ފާހަގަކުރެއެވެ. އެ އެސޯސިއޭޝަނުން ބުނީ ކޮންމެ އަހަރު އެކިސްކޫލްތަކުން 500 އަށްވުރެ ގިނަ ކުދިން މިކޭމްޕުގައި ބައިވެރިވާކަމަށާ އަހަރުން އަހަރަށް ބައިވެރިވާ ކުދިންގެ އަދަދު އިތުރުވަމުންދާކަމަށެވެ. މި ކޭމްޕްގައިބައިވެރިވި ތުއްތު ކުދިން ވަނީ އެކުދިން ކޭމްޕްގައި ކުރި ކަންތައްތަކާއި އެކުދިންގެ ޝުޢޫރުތައް ޕީއެސްއެމްއާ ހިއްސާކޮށްފައެވެ.

ގާލް ގައިޑް އެސޯސިއޭޝަނަކީ އަންހެން ކުދިންނާއި އަންހެނުން ފުރިހަމަ ގޮތެއްގައި މުޖުތަމައަށް ނެރެދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެކެވެ. އެ ޖަމާއަތުން ދަނީ ސްކޫލުތަކާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތައް ސްކޫލު ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުރިއަށް ގެންދަމުންނެވެ.