ޚަބަރު

ފީވަކު ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ


ށ.ފީވަކު ސިއްޙީ މަރުކަޒުގައި މުޅިން އަލަށް ލެބޯޓްރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފީވަކު ސިއްޙީ މަރުކަޒުގައި ލެބޯރަޓްރީގެ ޚިދުމަތް ދޭން ފެށުމުގެގޮތުން އެތަނަށް ބޭނުންވާ މެޝިނަރީޒްތައް ގެންގޮސް، އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މިކަމަށް ދަޢުލަތުގެ ބަޖެޓުން ތިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ވަރަށްއަވަހަށް ލެބޯރަޓްރީގެ ޚިދުމަތް ދޭންފަށާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ނ.އަތޮޅު ހޮސްޕިޓަަލަށްވެސް މުޅިން އާ އެކްސްރޭ މެޝިނެއް މިހާރު ގެންގޮސްފައިވާއިރު، މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތުމިނިސްޓްރީން ބުނެއެވެ. މިއީ ދަައުލަތުގެ ބަޖެޓުން 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި މެޝިނެއްކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިއެކްރޭ މެޝިން އިންސްޓޯލްކޮށް ނިމުމުން، ޑިޖިޓަލްކޮށް އެކްސްރޭގެ ޚިދުމަތް ލިބޭނެއެވެ. ނ.އަތޮޅު ހޮސްޕިޓަލަކީ 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. ސަރުކާރުން އަންނަނީ އަތޮޅުތެރޭގައި ހުރި ސިއްޙީ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކޮށް އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަށް ދަޢުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ.