ޚަބަރު

ސިޔާސީގޮތުން އެންމެ ތަޖުރިބާކާރު ކެނޑިޑޭޓަކީ ރައީސް ޔާމީން - މަސީޙް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ސިޔާސީގޮތުން ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއްބޭފުޅާކަމަށާ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ހުރިހާ ޤާބިލުކަމަކާއި ޢިލްމެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މާލޭގައި ދިރިއުޅޭ ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ އިންތިޚާބެއް ކާމިޔާބު ކުރުމަށްވެސް ތަޖުރިބާއާއި ޤާބިލްކަން ބޭނުންވާނެ ކަމަށެވެ. އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަކީ ކުރިމަތިލާ މަޤާމަށް ކިހާ ޤާބިލު ކިހާ ތަޖުރިބާކާރު ބައެއްތޯ ރައްޔިތުން ބަލާނެ ކަމަށްވެސް މަސީޙް ވިދާޅުވިއެވެ. ހުރިހާ ގޮތަކުން ބެލިޔަސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އެފަދަ ތަޖުރިބާކާރެއްކަމަށް ޢަބްދުﷲ މަސީޙް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުންވެސް ފެންނަނީ ރާއްޖެ މީގެކުރިން ދުވަހަކުވެސް ނުދެކޭވަރުގެ ތަރައްޤީކަމަށާ، ފުވައްމުލަކުސިޓީގެ ތަރައްޤީއަށް އެކަނިވެސް ރައީސް ޔާމީންގެ ސަރުކާރުން 753 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މަސީޙް ވިދާޅުވި. މަސީޙް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް ހިންގަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް އެކަނިބަލާލިޔަސް، ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން ފަހަތަށް ޖައްސާ ނުލެއްވޭނެކަން ޔަޤީންކުރެވޭނެކަމަށެވެ.

"މިހާރު އެންމެ މުހިއްމު ކަމަކީ ރީ ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރުން. އެކަން އަވަހަށް ނިންމީމަ އަޅުގަނޑުމެންނަށް ކެމްޕެއިނަށް ޕްރެކްޓިސް ކުރެވޭނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވޯލްޑްކަޕްގެ ފައިނަލު މެޗުން އަޅުގަނޑުމެންނަށް ފެނުނީ ތަޖުރިބާހުރެމެ މޮޅަށް ބޯޅަށް ކުޅެ، މޮޅަށް ބޯޅަ ގެންގުޅެ އިދިކޮޅު ޓީމުގެ އެހީގައި ގޯލު ޖަހައިގެން ދިޔަތަން. މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ މިގޮތަށް،"

މަސީޙް ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ ބޭފުޅާ ސަރުކާރުގެ ކަންކަން ހިންގާނެގޮތް ފަރިތަކުރަން އެކަނިވެސް ފަސް އަހަރުގެ މުއްދަތެއް ބޭނުންވާނެކަމަށެވެ. އިދިކޮޅު ފަރާތްތަކަމަށް ފާޑުވިދާޅުވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ގޮތުގައި މިއަދުތިބީ އަބަދުވެސް އޭރަކު އޮންނަ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބައެއްކަމަށާ، ޤައުމުގެ ހަމަޖެހުމާއި އިސްލާޙަށް އެމީހުން މަސައްކަތް ނުކުރާކަމަށެވެ.

"އެމަނިކުފާނުގެ ދެވަނަ ދައުރުގައި 2023 އަންނައިރު ބޮލަކަށް 15000 އެމެރިކާ ޑޮލަރު އިރާދަކުރެއްވިއްޔާ އާމްދަނީ އަދި އުފެއްދުންތެރިކަމުގެ ނިސްބަތުން ޖެހޭ މިންވަރު އިތުރުވެ ސަރަޙައްދުގެ އެންމެ މުއސަނދި ޤައުމަށް އަޅުގަނޑުމެންގެ މި ކުޑަ ދިވެހިރާއްޖެ ވެގެންދާނެ،"

މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މި ޙަފްލާގައި އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ ފުވައްމުލަކު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް މަޝްރޫޢުކަމަށްވާ ފުވައްމުލަކު ރަށްގިރުމުގެ މައްސަލައަށް ޙައްލު ގެނައުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްސީލު މަޢުލޫމާތު ފުވައްމުލަކު ރައްޔިތުންނާއި ޙިއްސާކުރައްވާފައެވެ.

މި ޙަފްލާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތި އިބްރާހިމް ވަނީ، ޙަފްލާއަށް ވަޑައިގެންނެވި އެންމެންނާ ވަކި ވަކިން ބައްދަލުކުރައްވައި ޙާލުއަހުވާލު އޮޅުންފިލުއްވާފައެވެ.