ޚަބަރު

ސިޔާދު ޤާސިމް ބަންދުން ދޫކޮށްލައިފި


ފަނޑިޔާރުންނަށް ރިޝްވަތުދިނުމުގެ ކުށުގައި ހައްޔަރުކުރި އިބްރާހީމް ސިޔާދު ޤާސިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ޤާސިމް ހައްޔަރުކޮށްފައިވަނީ، 1 ފެބްރުއަރީގެ އަމުރާ ގުޅިގެން ފެންމަތިވި ސުޕްރީމްކޯޓްގެ ފަނޑިޔާރުންނަށް ރިޝްވަތުދިން މައްސަލައިގެ ތުހުމަތުގައެވެ.

ސިޔާދު ޤާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަރުދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި، ސިޔާދު މާލެއިން ބޭރަށް ނުދެވޭގޮތަށް ދޫކޮށްލަން ނިންމާފައިވަނީ، ދައުލަތުގެ ފަރާތުން މިމައްސަލައި ހުށައަޅަންޖެހޭ މުހިންމު ހެކިތަކެއް އަދިވެސް ކޯޓަށް ހުށައަޅާފައި ނެތުމުންނެވެ.

އެގޮތުން ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ދީ ސިޔާދު ސޮއިކުރި ކަމަށް ބުނާ ސިޓީ ކޯޓަށް ހުށައަޅާފައި ނުވާކަމަށް ޤާޟީ ފާހަގަކުރެއްވިއެވެ. އަދި ސިޔާދު ޖަލު ބަންދުން ދޫކޮށްލުމަށް ދައުލަތުންވެސް އިޢުތިރާޒުކޮށްފައެއް ނުވެއެވެ.

ސިޔާދު ޤާސިމް ކޯޓުން ދޫކޮށްލާފައިވަނީ މާލެއިން ބޭރަށް ނުދިއުމަށާއި، ދިރިއުޅޭ އެޑްރެހާއި ފޯން ނަމްބަރު ބަދަލުވެއްޖެނަމަ ކޯޓަށް އެންގުމަށާއި، ކޯޓުން ފޮނުވާ ޗިޓްތަކާ ހަވާލުވުމަށެވެ.