ޚަބަރު

ހަނިމާދޫ އެއަރޕޯޓް ޒަމާނީ ފެންވަރަށް ބަދަލުކުރާނަން - ރައީސް


އަންނަ ދައުރުގެ ކުރީކޮޅު ހަނިމާދޫ އެއަރޕޯޓް ބޮޑުކޮށް ޒަމާނީ ފެންވަރުގެ ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރައްވާނެކަމަށް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހަނިމާދޫގެ ނަރުދަމާ ނިޒާމު ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު އެރށު ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ އަންނަ ދައުރަށް އެމަނިކުފާނު އިންތިހާބު ވެޑައިގެންފިނަމަ ހއ އަދި ހދ އަތޮޅުގައި 3000 އެނދުގެ ކެޕޭސިޓީގެ ފަތުރުވެރިކަން ތަރައްޤީކުރާއިރު ސަރަހައްދުގެ މައި އެއަރޕޯޓެއް ގެ ގޮތުގައި ބޭނުންކުރާނީ ހަނިމާދޫ އެއަރޕޯޓްކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ހަނިމާދޫ އެއަރޕޯޓްގައި އެންމެ ޒަމާނީ ވަސީލަތްތައް ޤާއިމްވެފައި ނެތް ނަމަވެސް ކުރިއަށް އޮތްތަނުގައި ބޮޑެތި ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތަކާއި، މުއްސަނދި ފަތުރުވެރިން ބޮޑެތި ޖެޓް ތަކުގައި އެއަރޕޯޓަށް ޖެއްސޭ ފެންވަރަށް އެއެރޕޯޓް ތަރައްޤީކޮށްދޭން ޖެހިފައިވާކަމަށެވެ.

"ހަނިމާދޫގެ އެއަރޕޯޓަކީ މިހާރު ބޮދެތި މަތިންދާބޯޓު ފަހަރަށް ޖެއްސޭވަރުގެ އެއަރޕޯޓެއް ނޫން. އަދި އަމްދުން 3000 އެނދު މިސަރަހައްދުގައި އިތުރުވެގެންދާއިރު، މުއްސަނދިން ޕްރައިވެޓް ޖެޓުގައި އައިސް ދަތުރުކުރެވޭ ވަރުގެ އެއަރޕޯޓެއް ނޫން. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިއަންނަ ދައުރުގެ އެންމެ ކުރީކޮޅު ހަނިމާދޫ އެއަރޕޯޓް ބޮޑުވެގެންދާނެ. އަދި މިޒަމާނުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހަދަން މަޖުބޫރު އެބަވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން." ރައީސް ޔަމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ވޭތުވެދިޔަ ދައުރުތަކުގައި ތަރައްޤީގެ މަޝްރޫޢުތަކުގެ ގޮތުގައި ހަނިމާދޫއަށް ޚަރަދުކޮށްފައިވަނީ އެންމެ ފަސް މިލިޔަން ރުފިޔާކަމަށާއި އެމަނިކުފާނުގެ ހިނގަމުން މިދާ ދައުރުގެ ތެރޭގައި ހަނިމާދޫގެ އުމްރާނީ ތަރައްޤީގެ އެކި އެކި މަޝްރޫޢުތަކަށް މިހާތަނަށް 228 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. މިއަދަދު އިތުރުވެގެންދަނީ ހަނިމާދޫއަށް ގެންނަ ބޮޑެތި މަޝްރޫޢޫތަކުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

" ފެނުގެ މަޝްރޫޢަށް ބަލާއިރު މިމަޝރޫޢު މިއަހަރު ނިމެންވާއިރަށް މުޅިން ނިމިގެންދާނެ. މަގުހެދުމުގެ މަޝްރޫޢު ސެޕްޓެމްބަރުގައި ނުވަތަ އޮކްޓޫބަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ ނިމިގެންދާނެ. ތަރައްޤީއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން. މިކަހަލަ ހުރިހާ ރަށެއްގައި ތިއްބެވި ހުރިހާ ފެންވަރެއްގެ، އުމުރުފުރައެއްގެ ހުރިހާ ގިންތިއެއްގެ ބޭފުޅުންވެސް އެދިވަޑައިގަންނަވަނީ ތަރައްޤީ." ރައީސް ވިދާޅުވިއެވެ.

2600 އަށްވުރެ ގިނަ މީހުން ދިރުއުޅޭ ހަނިމާދޫގައި ނަރުދަމާގެ ޚިދުމަތް މިއަދު ރަސްމީކޮށްދޭން ފަށާފައިވާއިރު އެ އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ އަންނަ ދައުރުގެ ކުރީކޮޅު ހައްލުކޮށްދެއްވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.