ޚަބަރު

ހދ. ހަނިމާދޫ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ރައީސް ފަށްޓަވާދެއްވައިފި


ހދ.ހަނިމާދޫ ނަރުދަމާ ނިޒާމުގެ ނިމުން ފާހަގަކޮށް އެ ޚިދުމަތް ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ރަސްމީކޮށް ފައްޓަވައިދެެއްވައިފިއެވެ. ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތިލަދުންމައްޗައް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި 6 ރަށަކަށް ވަަޑައިގެން އެ ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުންވަނީ ފާހަގަކުރައްވާފައެވެ.

ތިލަދުންމަތީި ދެކުނުބުރީ ހަނިމާދޫގައި ޤާއިމުކުރި ނަރުދަމާ ނިޒާމަކީ، "ޕްރައިވެޓް ވިލާ" އިމާރާތް ކުރުމުގެ މޮޑެލްގެ ދަށުން ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ ހައުސިންގ ޔުނިޓް އިމާރަތް ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން އަމިއްލަ ފަރާތެއްގެ ޙިއްސާއާއިއެކު ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ތިން ޕަމްޕް ސްޓޭޝަން ބަހައްޓާ 16.6 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމުކޮށްފައިވެއެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓްފޯލް ހޮޅިވަނީ އަޅާފައެވެ.

2013ވަނަ އަހަރުގެ މެއި މަހު ފެށި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
މަޝްރޫޢުގެ މަސައްކަތް ނިމުމާއިއެކު ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްގެން އެރަށަށް ނަރުދަމާގެ ޚިދުމަތް ވަނީ ފަށާފައެވެ. ފެނަކައިން ގެންދަނީ އެރަށުގެ 900 ގެއަކަށް މި ޚިދުމަތް ފޯރުކޮށްދެމުންނެވެ. ހަނިމާދޫއަކީ އާބާދީގައި 2000 ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ހދ.ހަނިމާދޫ ނަރުދަމާ ނިޒާމުގެ ނިމުން ފާހަގަކުރުމަށް ބޭއްވު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ އެއްފަސްކުރުމުގެ މަސައްކަތުގެ ދަށުން ހަނިމާދޫގައި އިތުރުވަމުން އަންނަ އާބާދީއަށް ބެނުންވާ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެމުން ގެންދަވާކަމަށެވެ. ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމުމުން ހަނިމާދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ތާރިޤް ފާހަގަކުރެއްވިއެވެ. އަދި ހަނިމާދޫގައި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވއެވެ.

ރާއްޖޭގެ އިޤްތިސާދް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކުގެ އިތުބާރު ރާއްޖެއިން ހޯދާފައިވާކަމަށެވެ. މިފަދަ ވިޔަފާރިތައް އެތައް ގުނައަކުން އިތުރުވަމުން އަންނަކަމަށާއި އަދި ބޭރުގެ ވިޔަފާރވެރިންގެ އިތުބާރު ލިބިފައިމިވަނީ ރާއްޖޭގައި ކުރިން ނެތް އަމާން ފަހި ވިޔަފާރީގެ މާޙައުލެއް ހުޅުވިފައިވާތީކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.