ޚަބަރު

ދިއްދޫގައި ހިންގި 4 މަޝްރޫއެއްގެ ކާމިޔާބީ ރައީސް ޔާމީން ފާހަގަކުރައްވައިފި


ސަރުކާރުން ހއ.ދިއްދޫގައި ހިންގެވި 4 މަޝްރޫޢެއްގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

އެމަނިކުފާނު އިފްތިތާޙުކޮށްދެއްވާފައިވަނީ އެ ރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢާއި މަގު ހެދުމުގެ މަޝްރޫޢާއި ހައުސިން ޔުނިޓުތަކުގެ މަޝްރޫޢެވެ.

ސަރުކާރުން ދިއްދޫގައި ހިންގި 4 މަޝްރޫއަށް ޖުމުލަ ސަތޭކަ ފަންސާސް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް ދިއްދޫގެ ގޮނޑުދޮށުގެ 450 މީޓަރުގެ ސަރަހައްދެއްގައި ވަނީ ބޮޑު ހިލަ ޖަހާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މިމަޝްރޫއު ފަށާފައިވަނީ 2016 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެންނެވެ.

މި މަޝްރޫއުގެ އިތުރުން ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ވެސް 2016 ވަނަ އަހަރު ފަށާފައިވެއެވެ. މިމަސައްކަތް ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 25 ވަނަދުވަހު ނިންމާފައެވެ. އެގޮތުން ދިއްދޫގައި 20.15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކޮށް އެ ޚިދުމަތް ވަނީ ދިއްދޫގެ 1210 ގެއަށް ދޭންފަށާފައެވެ.

ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ވަނީ 4.5 ކިލޯ މީޓަރުގެ 17 މަގެއް ރަނގަޅު ފެންވަރަކަށް ހަދާފައެވެ. އެގޮތުން އެރަށުގެ މުހިންމު ހުރިހާ މަގެއްގައި ވަނީ ތާރުއަޅާފައެވެ.

މިމަޝްރޫއުތަކުގެ ނުމުން އިފްތިތާޙްކޮށްދެއްވުމަށްފަހު ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ދިއްދޫ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކަށްވެފައިވަނީ ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯދުން ކަމަށެވެ. އެގޮތުން ކުރީގެ އެއްވެސް ސަރުކާރަކުން މިކަމަށް ހައްލެއް ހޯދައިދީފައި ނުވުމުން އެކަމަށް ރައްޔިތުން އެދޭ ހައްލެއް ގެނެސްދެއްވީ ރައީސް ޔާމީންގެ ސަރުކާރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.