ކުޅިވަރު

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާނީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ޓީމް: އިންޑިޔާ


ސެޕްޓެމްބަރު މަހު ފަހުކޮޅު ބަނގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާއިން ވާދަކުރާނީ 17 އަހަރުން ދަށުގެ ވަރލްޑް ކަޕުގައި ވާދަކުރި ކުޅުންތެރިން ކަމަށް އިންޑިޔާއިން ބުނެފިއެވެ.
ދިފާއީ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓެންޓައިން ބުނީ މި ގޮތަށް ނިންމީ ގައުމުގެ މުސްތަޤްބަލަށް ބަލާފައި ކަމަށެވެ.

"ޒުވާން ޓީމަކާއެކު މުބާރާތަށް ދިއުމަކީ ވަރަށް ބޮޑު ޗެލެންޖެއް. އެކަމަކު މިއީ އަހަރުމެންގެ މުސްތަޤްބަލަށް ފައިދާހުރި ކަމެއް. މިކަން މިގޮތަށް މިކުރަނީ އަހަރުމެން ބޭނުންވާތީވެ،" އެންމެ ފަހުގެ މުބާރާތް އިންޑިޔާ އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

އޭނާ ބުނީ މިދިޔަ އަހަރު އިންޑިޔާގައި ބޭއްވި 17 އަހަރުން ދަށުގެ ވަރލްޑް ކަޕު ކުޅުނު ޓީމަށް އެހެން އުމުރުފުރާތަކުގެ ބައެއް ކުޅުންތެރިން ވެސް ނަގާނެ ކަމަށެވެ.

"އެކަމަކު އެއީ މާގިނަ އަދަދެއްނޫން. އެންމެ ސީނިއާ ކުޅުންތެރިން މި މުބާރާތަށް ނުގެންދަން ނިންމީ. އެކަމަކު އެއީ އަހަރުމެން މުބާރާތަށްދޭ އިސްކަން ކުޑަކުރުމެއްނޫން،" ކޯޗު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިޔާ ހިމެނެނީ ރާއްޖެ އާއި ލަންކާއާއެކު ގްރޫޕްބީގައެވެ. މި މުބާރާތައް ތައްޔާރުވާން އިންޑިޔާއިން ނެގި ޓީމުން ކެޕްޓަން ސުނިލް ޗެތްރީ އާއި ގޯލަކީޕަރު ކަރަންޖީރު ސިންގަ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ވަނީ އުނިކޮށްފަ އެވެ.