ޚަބަރު

ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ޑރ. ޝަހީމް އިލްމުވެރިންނާ ބައްދަލުކުރައްވައިފި


ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓް ޑރ. ޝަޙީމް ޢަލީ ސައީދު، ގިނަ އަދަދެއްގެ އިލްމުވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ޢަރަބިއްޔާ ސްކޫލުގައި ރޭ ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ 50 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިންގެ ތެރޭގައި، ފަތުވާދޭ ކޮމިޓީގެ ރައީސް މުޙައްމަދު ރަޝީދު އިބްރާޙީމާއި ސަލަފް ޖަމިއްޔާގެ ރައީސް ޢަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޝަހީމް ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއި ރައީސް ޔާމީނަށް ތާއީދުކޮށް ދެއްވުމަށް އެ ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ޢިލްމުވެރިން ވަނީ އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކުރައްވާފައެވެ.

ތާޢީދު ހޯއްދެވުމަށް ޑރ. ޝަހީމް ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވިއިރު، މި މަހުގެ 8 ވަނަ ދުވަހު ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ރަނިން މޭޓަށް ފުރިހަމަ އިތުބާރާއި ތާޢީދުއޮތްކަމަށް ބުނެ، ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.