ޚަބަރު

ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


މާލެ އާއި އަތޮޅުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން އަންނާތީ، އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބޭރަށް ހިންގާ ހޮޑުލެވޭނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށާއި، އެގޮތުން ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫހާއި ފިޒީ ޑްރިންކްސް އަދި ދިޔާތަކެތި ބޭނުން ކުރުމުގައި ފެނާއި ލޮނު ޕެކެޓާއި ސޫޕް ފަދަ ބުއިންތައް ގިނަ ކުރުމަށް އެޗްޕީއޭއިން އެދެއެވެ. އަދި ތުއްތު ކުދިންނަށް އަވަސް އަވަހަށް ގާތުން ކިރު ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކްލޮރިނޭޓްކޮށްފައިވާ ފެން ބޭނުން ކުރުމަށާއި ވާރޭފެން ނެގުމުގައި ފުރާޅު ރަނގަޅަށް ސާފުކޮށްގެން ފެން ނެގުން މުހިއްމުކަން ފާހަގަކޮށްފައެވެ. އަދި ކާގަޑިތަކުގައި އެތި އެތިކޮޅުން އަވަސް އަވަހަށް ކެއުމަށާއި ތެޔޮ، ކުޅި އަދި ހަވާދު ހިމެނޭ ބާވަތްތައް ކެއުން މަދުކުރުމަަށް ވަނީ އެދިފައެވެ.

މީގެ އިތުރުން އަނގަތެރެ ހިކި، ކަރު ހިއްކާނަމަ ނުވަތަ ކުޑަކަމުދިއުން މަދު ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ އަދި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާނަމަ ނުވަތަ ތުއްތު ކުދިން ހޮޑުލާއިރާއި ބޮޑުކަމުދާއިރު ލޭ އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި، ފެނުގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ.