ޚަބަރު

އޯޓީއެމް ފެއަރގައި ރާއްޖޭގެ ޕްރެޒެންޓޭޝަން ރަޝިޔާ ބަހުން


އޮންލައިން ޓްރެވެލް މާރޓް (އޯޓީއެމް) ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. ރަޝިޔާގައި މިމަހުގެ 16 އިން 22 އަށް ކުރިއަށްދާ އޮންލައިން ފެއަރގައި ކޮންމެ ޤައުމަކުންވެސް ޕުރެޒެންޓޭޝަންއެއް ހުށައަޅައިދޭންޖެހެއެވެ. މި ފެއަރގައި ރާއްޖޭގެ ޕްރެޒެންޓޭޝަން ހުށައަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މައުލޫމާތުދެއެވެ.

މި އޮންލައިން ފެއަރގައި ރާއްޖޭގެ ޕްރެޒެންޓޭޝަން ހުށައަޅާދީފައިވަނީ ރަޝީޔާބަހުންނެވެ. އަދި ފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކުން ކުރި ސުވާލުތަކަށް އެމްއެމްޕީއާރުސީގެ ބޭފުޅުން ވަނީ އޮންލައިންކޮށް ޖަވާބުދެއްވާފައެވެ.

މި ފެއަރއަށް ރަޝިޔާގެ 390 ޓްރެވެލް އެންޑް ޓްރޭޑް ޕްރޮފެޝަނަލް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އޮންލައިން ފެއަރއަކީ 2014 ވަނަ އަހަރުގެ ތެރޭގައި ޕްރޮފީ ޓްރެވެލް އިން ތަޢާރަފްކުރި މާކެޓިން އުކުޅެކެވެ. މިއީ ޓްރެވެލް އެގްޒިބިޝަންއަށްވުރެ ނަތީޖާފެންނަ އުޅުޅެއްކަމަށާއި، އަގުހެޔޮ އަދި ދޭންބޭނުންވާ މެސެޖް ބޮޑު އޯޑިއެންސްއަކަށް ފޯރުކޮށްދެވޭ މާކެޓިންގ އުކުޅެއްކަމަށް އެފަރާތުން ދެކެއެވެ.

މި ފެއަރގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ޓަންޒޭނިޔާ، އެފްރިކާ، މޮރިޝިއަސް އަދި ސީޝެލްސްއިން ބައިވެރިވެއެވެ.
ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި މުހިންމު ޤައުމެކެވެ. މިއަހަރުގެ މިހާތަނަށް ރަޝިޔާއިން ތިރީސްހަތަރުހާސް ހަތްސަތޭކަ ފަންސާސްއެއް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ 2017 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.