ޚަބަރު

އިހަވަންދޫ ޞިއްޙީ މަރުކަޒުގެ ނަން އައިމިނާ ތަކުރުފާނުގެ ނަމަށް ބަދަލުކޮށްފި


ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒުގެ ނަން އައިމިނާ ތަކުރުފާނުގެ ހަނދާނީ ޞިއްޙީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފިއެވެ. އިހަވަންދޫ ޞީއްޙީ މަރުކަޒުގެ ނަން ބަދަލުކުރިކަން އިޢުލާނުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ހއ. އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ރާއްޖެ ސަލާމަތްކުރެއްވުމުގެ އަގުހުރި ޖިހާދު ކުރެއްވި އުތީމު ތިންބެއިންގެ މަންމާފުޅު އައިމިނާ ތަކުރުފާނުގެ އުފަން ފަސްގަނޑަކީ އިހަވަންދޫ ކަމަށާއި، އެހެން ކަމުން އެ ތިން ބޭފުޅުންގެ މަންމާފުޅު، އައިމިނާ ތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ނަމަށް އެރަށު ޞީއްޙީ މަރުކަޒުގެ ނަން ބަދަލުވެގެންދާނެ ކަމަށެވެ. އަދި އެއީ އެރަށުގެ ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް، ބޮޑުތިލަދުންމަތީގެ ޙިއްސާއެއް ފެނިގެންދާ ކަމަށެވެ. އެގޮތުން، ޕޯޗުގީޒުންގެ އިސްތިޢޫމާރީ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު ބޮޑު ތަކުރުފާނުގެ ޢާއިލާއިން ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ހަމައެހެންމެ، ރާއްޖެއަށް ކުރިމަތިވި ބޮޑު ތަދުގައި، ސަރުކާރަށް ވަފުދުތައް ފޮނުވައިގެން، ކުޅުދުއްފުށީ ބޮޑު މުޙައްމަދުފަދަ ބޭފުޅުން ކުރެއްވި މިއްނެތް މަސައްކަތްޕުޅު ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ދިވެހި ދައުލަތެއް ނުރައްކާތަކާ ކުރިމަތިލާން ޖެހެނީ މާޒީގައި އެފަދަ ކަންކަން ހިނގާގޮސްފައިވާ ފަދައިން ކަމަށާއި އެހެން ނަމަވެސް މިހާރު ތަފާތަކީ ބޭނުންކުރާ ވަޞީލަތްތައް ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށާއި ދިވެހި ދައުލަތަށް ދުއްތުރާކުރަން އުޅެނީ ނުވަތަ އެފަދަ ކަންކަމުގައި ބައިވެރިވަނީ ދިވެހިންގެ ތެރޭގައި އުޅޭ ދިވެހި ފަސްގަނޑަށް އުފަން ޚާއިނުންކަމަށާއި އެފަދަ ނުބައި ކަންކަމުގައި އެފަރާތްތަކުން އެހީއަށް އެދެނީ ބޭރުގެ ޣައްދާރުންގެ ކިބައިން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޤައުމަށް ޣައްދާރުވި ޚާއިނުން ފެނިގެންދިޔައީ ހަމައެކަނި 88 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެކަނި ނޫން ކަމަށާއި، އޭރުވެސް އަދި މިހާރުވެސް އެކި ގޮތްގޮތަށް އެކި ސިފަސިފައިގަ ޤައުމަށް ޣައްދާރުވަމުންދާ ޚާއިނުން އުޅޭ ކަމަށެވެ.