ޚަބަރު

މާފިނޮޅު އެއާޕޯޓްގެ މަސައްކަތް ފަށްޓަވައިދެއްވައިފި


ހއ.މާފިނޮޅުގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމާއި ހއ.ހޯރަފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ޒަމާނީ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެދަށުން، އަލަށް 10 އެއަރޕޯޓް އެޅުމަށް ނިންމާފައިވާއިރު، މީގެތެރެއިން އެންމެ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ އެއް އެއަރޕޯޓަކީ ހއ.މާފިނޮޅުގައި އަޅާ އެއަރޕޯޓެވެ. މި އެއަރޕޯޓުގެ ބިންހިކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީކޮށް ފަށްޓަވައިދެއްވާފައިވާއިރު، އެރަށު ފަޅުން 16 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމާފައެވެ. މާފިނޮޅުގައި ތަރައްޤީކުރާ އެއަރޕޯޓަކީ 1.2ކިލޯ މީޓަރުގެ ޑޮމެސްޓިކް އެއަރޕޯރޓެކެވެ.

މީގެއިތުރުން އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުންވެސްވަނީ އިފްތިތާޙްކޮށްފައެވެ. ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުތަކަކީ ރަށް ގިރުމުގެ ސަބަބުން ރަށްރަށުގެ ޤުދުރަތީ ވެއްޓާއި، ޢާއްމު ރައްޔިތުންގެ މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެދަށުން ހޯރަފުށީގެ ގިރާ ސަރަޙައްދުގެ ސާދަހާސް ހަތްސަތޭކަ ފަސްދޮޅަސްހާސް ކޮޑިމީޓަރުގެ ސަރަޙައްދަކަށްވަނީ ވެލިއަޅާފައެވެ. ވެލި އަޅާފައިވަނީ އެރަށުގެ އުތުރުފަރާތުން 570 މީޓަރު އަދި ދެކުނު ފަރާތުން 230 މީޓަރުގެ ސަރަޙައްދަކަށެވެ.

މީގެއިތުރުން ބޮޑުހިލަ ޖަހައިގެން 80މީޓަރުގެ ސަރަޙައްދެއްވަނީ ޙިމާޔަތްކޮށްފައެވެ. ހޯރަފުށީ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން 20މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކޮށްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓިސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތް އެރަށުގައި ފަށާފައިވަނީ 2015ވަނަ އަހަރުގެ އޮގަސްޓް މަހުގެތެރޭގައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ މިދިޔައަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.

ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ހޯރަފުއްޓަކީ މި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރުއުތައް ހިންގާފައިވާ ރަށްތަކުގެތެރޭގައި ހިމަނާފައިވާ ރަށެއްކަމަށެވެ. އެގޮތުން ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު ޤާއިމުކުރުމާއި، ފެނުގެ ނިޒާމުގެ ޤާއިމުކުރުމުގެ މަސައްކަތާއި، އަދި އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތްވެސް މިހާރު ހޯރަފުށީގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތްވެސް ނިންމައި ވަރަށްއަވަހަށް ޚިދުމަތް ފަށާނެކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ޖުމުލަކޮށް ހޯރަފުށީގައި ހިންގާ ތިމާވެއްޓާއި ގުޅޭ މަޝްރުޢުތަކަށް 154މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަމަށެވެ.