ޚަބަރު

ފަތުރުވެރިކަމުގެ 3000 އެނދު ތިލަދުންމައްޗަށް ގެންނާނަން - ރައީސް ޔާމީން


ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި ހއ.އާއި ހދ.އަތޮޅުގައި 3000 އެނދުގެ ކެޕޭސިޓީގެ ފަތުރުވެރިކަން ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހދ.ނޮޅުވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޮޅިވަރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނޮޅިވަރަމަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ މުހިންމު ރަށެއްކަމަށާ، މިސަރުކާރުގެ ހަތަރު އަހަރާއި ބައިގެ މުއްދަތުގެތެރޭގައި 115 މިލިއަން ރުފިޔާ މިރަށުގެ ތަރައްޤީއަށް ސަރުކާރުން ޚަރަދު ކުރައްވާފައިވާނެކަމަށެވެ. ވޭތުވެދިޔަ ސަރުކާތުތަކުގައި މިރަށުގެ ތަރައްޤީއަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަށް ތަރައްޤީ ގެނައުންކަމާ، އެކަން ކުރައްވާނެކަމަށެވެ.

ބޭރުން ލޯނު ނަގައިގެން ރައީސް ޔާމީންގެ ސަރުކާރުން ބައެއް މަޝްރޫޢުތައް ހިންގާތީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކިޔަމުންދާ ފާޑުކިއުންތަކަށްވެސް ރައީސްވަނީ ރައްދުދެއްވާފައެވެ. ރައީސް ވިދާޅުވީ މަޝްހޫރު ހުރިހާ ވިޔަފާރިވެރިންވެސް އެކިއެކި އިންވެސްޓްމަންޓްތަކަށްޓަކައި ލޯނު ނަގާ ކަމަށާ، ސަރުކާރުން ލޯނުނަގަނީ ލޯނު ދެއްކޭނެ ޤާބިލްކަމާއި، އެކަމުގެ ވިސްނުން ސަރުކާރުގައި ހުރުމުންކަމަށެވެ. ބޭރުގެ ބޭންކުތަކުން ރާއްޖެއަށް ލޯނުދެނީ ދިވެހިސަރުކާރަށް އެލޯންތައް ދެއްކުމުގެ ޤާބިލްކަން ހުރިތޯ ބަލާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ވޭތުވެދިޔަ މުއްދަތުގައި ޤައުމުގެ އިޤްތިޞާދަށް އައިސްފައިވާ ހެޔޮބަދަލުތަކާއި ތަރައްޤީގެ މަޝްރޫޢުތައް މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގޮސްފައިވާ މިންވަރަށް ބަލާލުމުން ކުރީގެ ސަރުކާރުތަކާއި އެމަނިކުފާނުގެ ސަރުކާރުގެ ތަފާތު ވަޒަންކުރެވޭނެކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.