ޚަބަރު

ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި


ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނީ ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުން ހަދިޔާ ކުރި 50 ޓަނުގެ ކަދުރު އިއްޔެގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ. މި ކަދުރު ބަހަން މިހާރު ފަށާފައިވާއިރު، ކަދުރު ބަހަނީ ކޮންމެ ގޭބިސީއަކަށް ޕެކެޓެއްގެ މަގުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ގޭބިސީގެ ޞައްޙަކަން އަންގައިދޭ ލިޔުމެއް ހިފައިގެން ދިއުމުން ކަދުރު ހަވާލު ކުރުމުގެ އިންތިޒާމު އެމިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. ގޭބިސީގެ ޞައްޙަކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކުން ޢިމާރަތުގެ ވެރި ފަރާތާއެކު ވެފައިވާ އެއްބަސްވުން ނުވަތަ ގޯތީގެ ރަޖިސްޓްރީއެއް ގެންދިއުމުން ފުދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަން ހަމަޖައްސާފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކާ ހަޔަކާ ދެމެދު އިސްލާމިކް މިނިސްޓްރީންނެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަދުރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށާއި، އަތޮޅުތެރޭގެ ރައްޔިތުންނަށް އެއަތޮޅެއްގެ ނުވަތަ ރަށުގެ ކައުންސިލްތަކުން ކަދުރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ސައުދީ ޢަރަބިއްޔާ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ. ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދީގެ ހަދިޔާއާ ޙަވާލުވެލެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒިޔާދެވެ.