ކުޅިވަރު

ކޯޗިންގައި ކުރިއަށް ދިއުމަށް އޮންރީ ޓީވީ ދޫކޮށްލައިފި


ކޯޗިންގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ފްރާންސްގެ ކުރީގެ ތަރި ތިއޭރީ އޮންރީ ޓީވީ އެނަލިސްޓުކަން ދޫކޮށްލައިފިއެވެ.
ފާއިތުވެދިޔަ ހަތަރު އަހަރު ސްކައި ސްޕޯޓްސްގެ އެނަލިސްޓަކަށް މަސައްކަތް ކުރި އޮންރީ އަކީ ނިމިދިޔަ ވަރލްޑްކަޕުގެ ތިން ވަނަ ހޯދި ބެލްޖިއަމް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ.

"ފާއިތުވެދިޔަ ދުވަސްތަކުގައި އަހަންނަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައި (ޓީވީ އެނަލިސްޓެއްގެ ގޮތުގައި). އެކަމަކު ކޯޗިންއިން ކުރިއަށް ދިއުމަކީ އަހަރެން ބޭނުންވާ ކަމެއް. މިހާރަށްވުރެ ބޮޑަށް އެކަމަށް ވަގުތު ހުސްކުރަން އަހަރެން ބޭނުން،" އޮންރީ ބުންޏެވެ.

އޭނާ ބުނީ ކުރިމަގުގައި މޮޅު ކޯޗަކަށް ވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އޭނާގެ އުއްމީދުތަކާ ހަމައަށް ދިއުމަށް މިވަގުތު އެންމެ މުހިންމީ ކޯޗިން ނޫން އެހެން ކަންކަމުން ދުރުވެ ހުރުން ކަމަށެވެ.
1998 ވަނަ އަހަރުގެ ވަރލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ފޯވަޑަކީ އާސެނަލްއަށް ގިނަ ދުވަސްތަކެއްގައި ކުޅެ، އެކުލަބުގެ ކެޕްޓަންކަން ކޮށްފައިވާ ލެޖެންޑެކެވެ. ކޯޗިންގައި އޭނާގެ އެންމެ ބޮޑު އެއް ހުވަފެނަކީވެސް އާސެނަލް އަށް ކޯޗުކޮށްދިނުމެވެ.