ކުޅިވަރު

ޓެކްނިކަލް ޑައިރެކްޓަރު އެފްއޭއެމާ ވަކިވެއްޖެ!


އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރު ތުރުކީގެ ޖޭން ވަންލީ މަޤާމުން ވަކިވެ، އެނބުރި ޤައުމަށް ގޮސްފިއެވެ.

އިތުބާރު ހުރިގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި ވަންލީ މިދިޔަ މަހު ޤައުމަށް ދިޔައީ އެފްއޭއެމާ ދެމެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތަކެއް އުފެދުމަށްފަހުއެވެ. އަދި އެނބުރި އެފްއޭއެމުގައި މަސައްކަތް ކުރަން އޭނާ ނާންނާނެ ކަމަށްވެއެވެ.
ވަންލީ އަކީ 2010 ވަނަ އަހަރުން ފެށިގެން ތިން އަހަރު ވަންދެން ވީބީ ސްޕޯރޓްސްގެ ހެޑްކޯޗުކަންކޮށްފައިވާ ކޯޗެކެވެ. އެއިރުގެ ރާއްޖޭގެ މޮޅު ގިނަ ކުޅުންތެރިންތަކަކާއެކު އޭނާ ވަނީ ގިނަ ތަށިތަކެއް ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެންމެ ފަހު އަހަރު ރާއްޖެއިން ފުރައިގެން ދިޔައީ މުސާރަ ނުލިބި ވަރަށް ދަތިހާލުގައި އުޅުމަށްފަހުއެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރު ކަމާ ހަވާލުވި ނަމަވެސް ވަންލީގެ ހަރަކާތްތައް ފެނުނީ ވަރަށް މަދުންނެވެ. މަސައްކަތެއްނެތި ގިނައިން ހުހަށް ހުންނާތީވެ، އެކަމާ ބެހޭ ގޮތުން ނޫސްވެރިންވެސް ތަކުރާރުކޮށް އެފްއޭއެމާއި ވަންލީއާ ވެސް ސުވާލުކޮށް ހެދިއެވެ. މި ސުވާލުތަކަށް ދެ ފަރާތުން ވެސް އެއިރު ދީފައިވަނީ ވަރަށް ޑިޕްލޮމެޓިކް ޖަވާބެވެ.