ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ސްކޮޑުން ޗެތްރީ އުނިކޮށްފި


ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން އިންޑިޔާއިން އެކުލަވާލި ސްކޮޑުން ކެޕްޓަން ސުނިލް ޗެތްރީ އުނިކޮށްފިއެވެ.

ޗެތްރީ އަކީ މިވަގުތު ސާކު ސަރަހައްދުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އަކީ ޤައުމީ ޓީމަށް 101 މެޗުން 64 ގޯލު ޖަހާދީފައިވާ އެންމެ އިތުބާރު ފޯވަޑެވެ. ނަމަވެސް 33 އަހަރުގެ ކުޅުންތެރިޔާ ޓީމުން ބާކީ ކުރުމުން އިންޑިޔާއިން މުބާރާތަށް ގެންދާނީ ވަރަށް ޒުވާން ޓީމެއްކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އެއީ ޗެތުރީގެ އިތުރުން ވެސް ތަޖުރިބާކާރު ބައެއް ކުޅުންތެރިން ސްކޮޑަށް ނުނަގައި ދޫކޮށްލާފައިވާތީއެވެ. އޭގެ ތެރޭގައި ފޯވަޑް ޖޭޖޭ ލެލްޕެކޫލާ އާއި ގޯލްކީޕަރުން ކަމަށްވާ ޝުބްރަތާ ޕައުލް އާއި ކަރަންޖީތު ސިންގާއި ގުޕްރީތު ސިންގް އިތުރުން ހިމެނެއެވެ.
ނަމަވެސް ޓީމުން ޖާގަ ދީފައިވާ ކުޅުންތެރިންގެ ތެރޭގައި އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުން ވިދާލި ލަލިއާންޒުއާލާ ހިމެނެއެވެ. މީގެ އިތުރުން އަރަމުން އަންނަ ޒުވާން ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ނިޝޫ ކުމާރު އަދި ސުބާސިޝް ބޯސޭ އާއި އުދަންތާ ސިންގް ހިމެނެއެވެ.

މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިޔާ އަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޤައުމެވެ. ސާކުގެ ހަތް ގައުމު ބަނގްލަދޭޝްގައި ސެޕްޓެމްބަހު މަހުގެ ފަހުކޮޅު ފަށާ މުބާރާތުގައި އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގައެވެ. ރާއްޖެ އަކީ މުބާރާތުގެ 2008ގެ ޗެމްޕިއަނެވެ.
މުބާރާތަށް ރާއްޖެ ތައްޔާރުވާން އަދި ނުފަށައެވެ. ނަމަވެސް ލަންކާ އާއި އިންޑިޔާ އަދި ބަނގްލަދޭޝް އާއި ނޭޕާލް ދަނީ މުބާރާތަށް ވަރަށް ބާރަށް ތައްޔާރުވުންތައް ކުރިއަށް ގެންދަމުންނެވެ.