ޚަބަރު

ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީގެ ބާވާތްތައް ރާއްޖޭގެ ބާޒާރުން ނަގަންފަށައިފި


"ލިސްޓީރިއާ މޮނޮސައިޓޮޖެންސް" ކިޔާ ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވެފައި ވާތީ، ރާއްޖޭގެ ބާޒާރުން އެތަކެތި ނެގުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެފްޑީއޭ އިން ފަށައިފިއެވެ.

އެމްއެފްޑީއޭ އިން ބުނީ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް" ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވެފައިވާ ކަމަށާއި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކް އާއި ޔޫރަޕްގެ އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްގެ ފަރާތުން ދެއްވި މަޢުލޫމާތާ ގުޅިގެން ރާއްޖޭގެ ބާޒާރުން އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ ތަޣައްޔަރުވެފައިވާ ތަރުކާރީ ހިމެނެނީ "ޑަޓް ޝައުބް" ބްރޭންޑުގެ މިކްސްޑް ވެޖިޓަބަލްސް ބްރޭންޑުގެ ސްވީޓް ކޯންގައި ކަމަށެވެ. އޭގެ އިތުރުން ތަޣައްޔަރު ވެފައިވާ ކަމަށް ބެލެވޭ އެހެން ބްރޭންޑުތަކެއް ވެސް އެފްޑީއޭއިން ވަނީ ފާހަގަ ކޮށްފައެވެ. އެއީ "ޓްރާންސްގޯމޭ ކުއަލިޓީ" އަދި "ޕިންގުއިން" ބްރޭންޑުގެ ގަނޑު ކުރި ތަރުކާރީއެވެ.

އެމްއެފްޑީއޭއިން އާއްމުކޮށްފައިވާ ލިސްޓުގައިވާ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަމަށް އެއޮތޯރިޓީން ބުނެއެވެ. އަދި އެތަކެތި ބޭނުން ނުކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީގެ ބާވަތްތައް ރާއްޖޭގެ ބާޒާރުގައި ވިއްކާނަމަ އެ މަޢުލޫމާތު ހިއްސާކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.

"ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އަކީ ސިކުނޑި އަދި މައިބަދަ ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި އިންފެކްޝަން އުފައްދާ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ އަކީ މާބަނޑު އަންހެނުންނަށާއި، އަލަށް ވިހާ ކުދިންނަށާއި، އުމުރުން ދަވަސްވީ މީހުންގެ އިތުރުން ދިފާއީ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ނުރައްކާތެރި ޖަރާސީމެކެވެ.