ޚަބަރު

މީމިސް ސިސްޓަމަށް ގެންނަ ބަދަލުތަކަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ފަށައިފި


މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) އަށް ގެންނަ ބަދަލުތަކަށް، މި ސިސްޓަމް ބޭނުންކުރާ ފަރާތްތައް އަހުލުވެރިކުރުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

މީމިސްއަކީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ މަޢުލޫމާތު އެއްކުރުމަށާއި، ރިޕޯޓް ފޯމް ހެދުމަށް ޚާއްޞަކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ 2017 ވަނަ އަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމެވެ.

މީމިސްއަށް ގެންނަ ބަދަލުތަކަށް އަހުލުވެރިކުރުވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހިންގާ ޓްރެއިނިންގ ޕްރޮގުރާމާއި ބެހޭގޮތުން އެ މިނިސްޓްރީގެ ހެޑް އޮފް ފޮރިން ރިލޭޝަން އައިމިނަތު ނަމްޒާ ވިދާޅުވީ، މި ސިސްޓަމަކީ އަބަދުވެސް އިތުރު ފީޗަރތައް އިތުރުކޮށް އަޕްގްރޭޑް ކުރަންޖެހޭ ސިސްޓަމެއްކަމަށާއި، އެގޮތުން މި ގެނެވޭ ބަދަލުތަކަށް ސިސްޓަމް ބޭނުންކުރާ ފަރާތްތައް އަހުލުވެރިކުރުވަންޖެހޭކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މި ޓްރެއިނިންގ ހިންގަނީ އެޑިއުކޭޝަން މިނިސްޓްރީގެ މީމިސް ކޯރޓީމަށް ކަމަށެވެ. އެއަށްފަހު އެހެން ޑިޕާރޓްމެންޓްތަކަށްވެސް މި ގެނެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުމަށް ޓްރެއިނިންގ ޕްރޮގުރާމް ހިންގާނެކަމަށެވެ.

"3 ހަފްތާއަށް އަޅުގަނޑުމެން މި ޓްރެއިންގ ޕްރޮގުރާމް ކުރިއަށްގެންދިޔަނަމަވެސް ފުރަތަމަ ހަފުތާގަ ހަމައެކަނި ކޯރޓީމުގެ މެންބަރުން މި ޓްރެއިނިންގ ގައި ބައިވެރިވާނީ. ދެން ސިސްޓަމެއްވީމަ މި ސިސްޓަމްގައި ކޮންމެހެން އެނގެންޖެހޭ، މި ސިސްޓަމް މެނޭޖްކުރަންތިބޭ މީހުންނަށް ދޭންޖެހޭ ތަމްރީން ތަކެއްގެ ގޮތުގައި އެބައި ކުރިއަށްދާނީ. 2 ވަނަ ހަފްތާގައި އަދި 3 ވަނަ ހަފްތާގައި އިތުރު މުވައްޒަފުންތަކެއް އެކި ޑިޕާޓްމަންޓްތަކުން މި ޓްރެއިނިންގ ގައި ބައިވެރިވާނެ. ދެން ހަމަ މިއާއިއެކުގައި އަތޮޅުތަކުގައި އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓްތަކުގެ ގޮތުގައި އައިޑެންޓިފައި ކުރައްވާފަ ތިއްބަވާ ބައެއް ބޭބޭފުޅުންވެސް ވަޑައިގެން މި ޓްރެއިނިންގގައި ބައިވެރިވެވަޑައިގަންނަވާނެ." އައިމިނަތު ނަމްޒާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން 3 ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގުރާމް ހިންގަނީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ކޮމިއުނިޓީ ސިސްޓަމް ފައުންޑޭޝަނާއި ގުޅިގެންކަމަށް އެ މިނިސްޓްރީން ބުނެއެވެ. ފާއިތުވި އަހަރުގެ ތެރޭގައިވެސް އެ މިނިސްޓްރީންވަނީ އަތޮޅުތަކުގެ ސުކޫލްތަކުގައި މި ސިސްޓަމް ބޭނުންކުރުމަށް ކަނޑައަޅާފައި ތިބި ފަރާތްތަކަށް ޙާއްޞަކޮށްގެން 3 ފަހަރެއްގެ މަތިން ޓްރެއިނިންގ ޕްރޮގުރާމް ހިންގާފައެވެ.

މީމިސް މެދުވެރިކޮށް ދަރިވަރު ސްކޫލަށް ހާޟިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަޚުލާޤާއި ކިޔެވުމާއި ޞިއްޙަތާ ގުޅުން ހުރި މަޢުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރަމުން ދާނެއެވެ. އަދި މިއަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޯމު ގުރޭޑް 1 އިން 6 ގެ ދަރިވަރުންނަށް ދީފައިވަނީވެސް މި ސިސްޓަމްގެ ތެރެއިންނެވެ. އެއީ ގާތްގަނޑަކަށް 40 ހާހަށްވުރެ ގިނަ ކުދިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ކުރިއަށްއޮތްތަނުގައި އެހެން ގްރޭޑްތަކުގެ ރިޕޯޓް ފޯމްވެސް މި ސިސްޓަމް މެދުވެރިކޮށް ދެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި ސިސްޓަމަކީ ތަޢޫލީމީ ދާއިރާއަށް ގެނެވުނު ތަފާތު އިންޤީލާބީ ބަދަލެއްގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީން ސިފަކުރެއެވެ.