ޚަބަރު

ދަފްތަރުގައި ރަޖިސްޓްރީވާން 1800އަށް ވުރެ ގިނަމީހުން ފޯމް ނަގާފައިވޭ


ދަފްތަރުގައި ރަޖިސްޓްރީވާ މީހުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް ކުރިމަތިލާއިރު މާކްސް ދޭ އުސޫލުތަކަށް، ހައުސިން މިނިސްޓްރީން ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު ދަފްތަރުގައި ރަޖިސްޓްރީވާ މީހުންގެ ދެ ކެޓަގަރީއެއް ކަނޑައަޅައި އެމީހަކަށް އެންމެ ގިނައިން މާކްސް ލިބޭ ކެޓަގަރީއަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ކަނޑައަޅާފައިވަނީ ދަފްތަރުގައި ރަޖިސްޓްރީވި މުއްދަތާއި، މާލޭގައި ދިރިއުޅޭ މުއްދަތު ހިމެނޭ ކެޓަގަރީއެވެ.

ހައުސިން މިނިސްޓްރީން ބުނީ ދަފްތަރުގައި ރަޖިސްޓްރީވާ މީހުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް ކުރިމަތިލާއިރު އެމީހަކަށް އެންމެ ގިނައިން މާކްސް ލިބޭނެ ކެޓަގަރީއަކަށް ފޯމް މިހާރު ހުށައައެޅޭގޮތަށް އިސްލާހު ގެނެސްފައިއެވެ. މި ދެ ކެޓަގަރީއަކީ ދަފްތަރުގައި ޖެހުނު މުއްދަތު ނުވަތަ މާލޭގައި ދިރިއުޅޭ މުއްދަތުއެވެ.

ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ ހިޔާ މަޝްރޫޢުއަށް ފޯމްލުމުގައި މިހާރު ޚިޔާރުކުރެވޭނީ މިއިން ކޮންމެވެސް އެއް ދާއިރާއެއްކަމަށެވެ. އަދި މިގޮތަށް ބަދަލުގެނެސްފައިވަނީ ކޮންމެ މީހަކަށްވެސް އެމީހަކަށް އެންމެ ގިނައިން ޕޮއިންޓް ލިބޭ ދާއިރާއަކުން ފޯމްލުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ. ނާޒިމް ވިދާޅުވީ ބޭސް ފަރުވާއަށް މާލެއިން ބޭރަށް ދިއުމާއި، ތަޢުލީމް ޙާސިލްކުރުމަށް ނުވަތަ ވަޒީފާގެ ގޮތުން ރާއްޖެއިން ބޭރުގައި ހުންނަން ޖެހުނުނަމަވެސް މާލޭގައި އުޅެފައިވާ މުއްދަތުން އުނި ނުވާނެކަމަށެވެ.

ދަފްތަރުގައި ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ސަރުކާރު އޮފީހަކުން ހޯދަންޖެހޭ ލިޔުމާއި، ސްކޫލްތަކުން ހޯދަންޖެހޭ ލިޔުމުގެ ބައި މިހާރުވަނީ އުނިކޮށްފައެވެ. މިގޮތަށް ބަދަލުގެނެސްފައިވަނީ ވީހާވެސް ގިނަ ފަރާތްތަކަށް ފަސޭހަކަމާއިއެކު ދަފްތަރުގައި ޖެހި ފްލެޓަށް ފޯމްލުމުގެ މަގު ފަހިކޮށްދިނުމަށެވެ.

ދަފްތަރުގައި ޖެހުމަށް ފޯމްލުމާއިއެކު ވަގުތުން ދަފްތަރުގައި ޖެހިފައިވާ ކަމުގެ ލިޔުން ލިބޭގޮތަށް މިނިސްޓްރީން ވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ. ނަމަވެސް މިއީ ވަގުތީ ރަޖިސްޓްރީއެއް ކަމަށާއި، ދާއިމީކޮށް ދަފްތަރުގައި ރަޖިސްޓްރީކުރާނީ ރިޔާސީ އިންތިޚާބަށް ފަހުކަމަށް މިނިސްޓްރީއިން ބުނެއެވެ.
ދަފުތަރުގައި ހުރި މުއްދަތަށް ބަލައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ނުވާ ނަމަ 10 ޕޮއިންޓްއެވެ. ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރުވެ 10 އަހަރު ނުވާ ނަމަ 20 ޕޮއިންޓްއެވެ. ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ 30 ޕޮއިންޓްއެވެ. ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެ އިތުރުވެފައިވާ ނަމަ 40 ޕޮއިންޓްއެވެ.

މާލޭގައި މާލޭގައި ދިރިއުޅޭ މުއްދަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ދިރިއުޅޭތާ 5 އަހަރު ނުވާ ނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭނެއެވެ. މާލޭގައި ދިރިއުޅޭތާ 5 އަހަރުވެ، ދިހަ އަހަރު ނުވާ ނަމަ 10 ޕޮއިންޓްއެވެ. މާލޭގައި ދިރިއުޅޭތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ 15 ޕޮއިންޓް އަދި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ވެފައިވާ ނަމަ 40 ޕޮއިންޓްއެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުމުން ތިން ދުވަހުގެ ތެރޭގައި 1800 މީހުން ފޯމް ހުށައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.