ޚަބަރު

އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި


އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އާންމު ފަރާތަކުން ހުށައަޅާފައިވާކަމަށާއި، އެކަމާ ގުޅޭގޮތުން އަންނަ ހަފްތާ ތެރޭގައި ގޮތެއް ނިންމާނެކަމަށެވެ. ނަމަވެސް ޕާޓީއެއް އުފެއްދުމަށް ހުށައަޅާފައިވަނީ ކޮންފަރާތަކުން ކަމެއް، އަދި އެކަމާގުޅޭ އެއްވެސް ތަފުސީލެއް އެކޮމިޝަނުން އާއްމުކޮށްފައެއްނުވެއެވެ.

އިލެކްޝަންސް ކޮމިޝަނަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައަޅާފައެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ޤާނޫނާއި އެއްގޮތަށް ފުރިހަމަކޮށްފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީތައް އުފެއްދުމުގެ ހުއްދަ ނުދިނުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ 6 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމް.ޑީޕީއާއި، އެމް.ޑީ.އޭއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީ.އާރު.ޕީއާއި، އަދާލަތު ޕާޓީއެވެ.