ޚަބަރު

އެމް.ޑީ.ޕީއާއި ޖޭޕީގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާހުތައް އީސީން ބަލައިގެންފި


އެމް.ޑީ.ޕީއާއި ޖުމްހޫރީ ޕާޓީން ބޭއްވި ކޮންގްރެސްގައި، އެ ދެ ޕާޓީގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، ދަފުތަރުކޮށްފިއެވެ.

އިދިކޮޅު އެމް.ޑީ.ޕީން އެ ޕާޓީގެ ކޮންގްރެސް ބާއްވާފައިވަނީ މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު އއ. އުކުޅަހުގައެވެ. އަދި ޖުމްހޫރީން ޕާޓީން އެޕާޓީގެ ކޮންގްރެސް ބާއްވާފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީއާއި ޖޭޕީގެ ކޮންގްރެސް މޮނިޓަރކުރުމުގެ ދަޢުވަތު އެކޮމިޝަންސް ދީފައިވާކަމަށާއި އެ ދެ ޕާޓީން ބޭއްވި ކޮންގްރެސްވެސް ކުރިއަށްގޮސްފައިވަނީ ޤާނޫނާއި އެއްގޮތަކަމަށެވެ. އަދި ކޮންގްރެސްގައި ފާސްކުރި އެ ޕާޓީތަކުގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާޙުތައް އެ ކޮމިޝަނުން ބަލައިގަނެ، އެ އިސްލާހުތައް މިހާރު ދަފްތަރުކޮށްފައިވާކަމަށްވެސް އިލެކްޝަންސް އެކޮމިޝަނުން ބުނެއެވެ.

އެމް.ޑީ.ޕީން ބޭއްވި ގޮންގްރެސްގައި، އެޕާޓީގެ އަސާސީ ޤަވާއިދަށް ގެނެސްފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ރިޔާސީ ޓިކެޓްދޭނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ޤައުމީ މަޖިލީހަށާއި، ކޮންގްރެސްއަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ. އަދި ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރާ ފަރާތަށް އިންތިޚާބުގައި ވަދަނުކުރެވޭނެ ޙާލަތެއްގައި، ޓިކެޓްދޭނެ ފަރާތެއް ކަނޑައެޅުމުގެ ބާރުވެސް ކޮންގްރެސް ދިނުމަށް ފާސްކޮށްފައިވެއެވެ. މި ބަދަލާއެކު، އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ބޭފުޅެއްގެގޮތުގައި އެމް.ޑީ.ޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރ އިބްރާހީމް މުޙައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށްވެސް އއ. އުކުޅަހުގައި ބޭއްވި އެމް.ޑީ.ޕީގެ ކޮންގްރެސްގައި ވަނީ ނިންމާފައެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ރައީސާއި، ނާއިބުރައީސްގެ މަޤާމު އުފެއްދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ރައީސްކަން އިދާރީ މަޤާމަކަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. އަދި އެ ޕާޓީގެ ނާއިބު ލީޑަރުކަމަށްވެސް 4 ބޭފުޅަކު އިންތިޚާބުކޮށްފައިވެއެވެ.