ޚަބަރު

ސިނާޢީ މަސައްކަތްތަކަށް ތިލަފުށިން ބިން ދޫކުރަން ފަށައިފި


ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުގައި ގުދަން ކުރުމަށާ، ސިނާޢީ މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރަން ފަށައިފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ތިލަފުށީ އިންޑަސްޓްރިއަލް ޒޯން ސަރަޙައްދުގައި ގުދަން ކުރުމާއި ސިނާޢީ މަސައްކަތްތައް ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށާ، އެގޮތުން ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ތިން ޕްލޮޓަށް ބީލަން ހުށަހެޅިދާނެކަމަށެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނީ ތިލަފުށިން ބިން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހަޅަން ގަސްތުކުރާ ކޮއްމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށާ، ކޮންމެ ޕްލޮޓަކަށްވެސް ރަޖިސްޓްރީ ފީގެ ގޮތުގައި 200 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އޮގަސްޓް 13 ވަނަ ދުވަހުގެ ކުރިން، ބީލަން ހުށަހަޅާނަމަ ކޮންމެ ޕްލޮޓަކަށް ފަސް ހާސް ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ތިލަފުށީ ޓީ.އައި.ޒެޑް ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުން އޮންނާނީ އޮގަސްޓް 16 ވަނަ ދުވަހު ކަމަށާ، ކުއްޔަށް ހިފަން އެދޭ ކޮންމެ ޕްލޮޓަކަށް ވަކިން ބީލަން ހުށަހެޅުމަށް، އަދި އެ ބީލަމުގައި ބައިވެރިވެވޭނީ އޮގަސްޓް 13ގެ ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކުންފުނިން ވަނީ ބުނެފައެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.