ޚަބަރު

ޕޮލިޓެކްނިކްގެ ދިގު މާޒީގައި އެންމެ ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި - ޕޮލިޓެކްނިކް


1975 ވަނަ އަހަރު އުފެއްދި ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ ނުވަތަ މިހާރުގެ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދިގު މާޒީގައި، އެންމެ ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައިކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑިރެކްޓަރ އޮފް ސްޓޫޑެންޓް ސަރވިސް މާޖިދާ މަޖީދު ވިދާޅުވެއްޖެއެވެ. މާޖިދާ މިހެން ވިދާޅުވީ 2018 ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވިކަމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ޕޮލިޓެކްނިކްގެ 2018 އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެ މުއައްސަސާއިން ހިންގި ބައެއް ކޯސްތައް ފުރިހަމަކުރި 165 ދަރިވަރަކަށް ވަނީ ދަސްވެނިވިކަމުގެ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ޑިރެކްޓަރ އޮފް ސްޓޫޑެންޓް ސަރވިސް މާޖިދާ މަޖީދު ވިދާޅުވީ ރައީސް ޔާމިންގެ ޒަޢާމަތުގައި ހުރިހާކުދިން ޝާމިލުކޮށްގެން އުގަންނައިދޭ ސިޔާސަތު ތަންފީޒުކުރަންފެށުމާއެކު، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާކަމަށެވެ. މިކަން މޯލްޑިވްސް ޕޮލިޓެކްނިކަށް އެކަނި ބަލައިލުމުންވެސް ހާމަވާކަން ފާހަގަކުރައްވާ މާޖިދާ ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ޕޮލިޓެކްނިކްގެ ހިންގުމުގެ ނިޒާމަށާއި، އިންސާނީ އަދި ފަންނީ ވަޞީލަތްތައް ޤާއިމުކުރުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ، އެތަށް ގުނައަކުން އެތަން މިހާރު ކުރިއަރާފައިވާކަމަށެވެ. އަދި ވަރޗުއަލް ލަރނިންގ ފަދަ ޚިދުމަތްތަށް ތަޢާރަފުވެގެންދިއުމާއެކު ތަޢުލީމީ ނިޒާމު އެތަށް އުސްމިންތަކަކަށް އުފުލިގެން ދިޔަކަން މާޖިދާ ފާހަގަކުރެއްވިއެވެ.

ޕޮލިޓެކްނިކްގެ ދިގު މާޒީގައި އެންމެ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައިކަން ފާހަގަކުރައްވަމުން މާޖިދާ ވަނީ 2018 ވަނަ އަހަރު ގެ ޕޮލިޓެކްނިކްގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން 57 އިންސައްތަ ދަރިވަރުންނަކީ، ވަޒީފާގައި ތިބެ ކޯސް ފުރިހަމަކުރި ދަރިވަރުން ކަމަށާއި އަދި 41 އިންސައްތަ ދަރިވަރުންނަކީ ބައިވެރިވި ކޯހާގުޅޭ ދާއިރާތަކުގައި ވަޒީފާ އަދާކުރާ ދަރިވަރުންކަން އޭނާ ފާހަގަކުރެއްވެވިއެވެ. މިހާތަނަށް
ޕޮލިޓެކްނިކުން ދަސްވެނިވެފައިވާ ގިނަ ދަރިވަރުންތަކެއް އެކްސިލެންސް އެވޯޑް ހޯދާފައިވުމުން މިކަން ހާމަވާކަން މާޖިދާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް އެދާއިރާއަކުން ސީދާގޮތެއްގައި ފަންނީ ތަމްރީނުދިނުމަށް ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއެކެވެ. ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު އޮންނަ ޕޮލިޓެކްނިކުން އެކިދާއިރާތަކުން މިހާތަނަށް ހިންގި 15 ކޯހެއްގައި ބައިވެރިވެ 458 ދަރިވަރަކުވަނީ ކޯސްތައް ފުރިހަމަ ކޮށްފައެވެ.