ޚަބަރު

ޑރ. ޝަހީމް ޕީޕީއެމްގެ ދޮރުން ދޮރަށް ކެމްޕެއިނަށް ނުކުމެވަޑައިގަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު އިސްކޮށް ހުންނަވައިގެން ޕީޕީއެމްގެ ދޮރުން ދޮރަށް ކެމްޕެއިން ޙަރަކާތްތައް ފަށްޓަވައިފިއެވެ.

މިއަދު މެންދުރު ފަހު ޕީޕީއެމް އޮފީސް ޞަރަޙައްދުން ފެށި އެ ޕާޓީގެ ދޮރުން ދޮރަށް ކެމްޕެއިން ޙަރަކާތުގައި ޑރ. ޝަހީމާއެކު ކެބިނެޓްގެ ގިނަ ވަޒީރުންނާއި، އެޕާޓީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ޕީޕީއެމްގެ އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޕީއެމްގެ ދޮރުން ދޮރަށް ކެމްޕެއިން ފެށުމުގެ ކުރިން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ދޮރުން ދޮރަށް ކެމްޕެއިން ފެށުމަށް އިސް ނެންގެވީ ހުރިހާ ވަޒީރުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ކަމަށާއި، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ހޯދުމަށް އެ ބޭފުޅުންނާއެކު މާލޭގެ ގެތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް ލިބޭ ތާއީދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ޕީޕީއެމަކީ ރައްޔިތުންގެ އަޑު އެހުމުގެ ޤާބިލްކަން ހުރި ޕާޓީއެއް ކަމަށާ، އެހެން ކަމުން އެ އަޑުތަކާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވި ވަޑައިގަންނަވާނެ ކަމަށެވެ.

ޕީޕީއެމްގެ ދޮރުން ދޮރަށް ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާއި އެޕާޓީގެ މަޖިލިސް މެންބަރުން ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް އައްޔަން ކުރެއްވި ހިސާބުން ފެށިގެން ތާއިދު އިތުރުވަމުންދާ ކަމަށާ، އެއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ޑރ. ޝަހީމް ހިމެނި ވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ ދޮރުން ދޮރަށް ކެމްޕެއިން ރަސްމީކޮށް މިއަދު ފެށި ނަމަވެސް މި އަހަރު ކުރީކޮޅުން ފެށިގެން އެ ޕާޓީގެ ގްރޫޕްތަކުން ދަނީ މާލޭގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލާ އޮޅުންފިލުވަމުންނެވެ.