ޚަބަރު

ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްޤީ ކުރަމުންދަނީ ޓާރޝަރީ ފެންވަރަށް - ހެލްތު މިނިސްޓަރ


ކުޅުދުއްފުށި ހޮސްޕިޓަލް ޓާރޝަރީ ފެންވަރަަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުގެ ޚަރަދުގައި ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޠިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލަކަށް ޓާރޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި، އެކަންކުރަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންކަމަށެވެ.
މިގޮތުން ހޮސްޕިޓަލުގައި ބަހައްޓާ އެމް.އާރު.އައި މެޝިނާއި ސީ.ޓީ.ސީ މެޝިން ބެހެއްޓުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ނިމުކަމާއި ގާތްވެފައިވާއިރު، ހޮސްޕިޓަލުގަ މެޑިކަލް ޑައިރެކްޓަރަކާއި ނާރސިންގް ޑައިރެކްޓަރެއް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ނާޡިމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ހޮސްޕިޓަލަށް އިތުރު 4 ސްޕަޝަލިސްޓް ޑޮކްޓަރުން އިތުރުވެގެންދާނެކަމަށާއި އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރާއި ޔޫރޯ ރީނަލް ފާރޓިލިޓީ ސެންޓަރުގެ ޚިދުމަތްވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިމަހުގެތެރޭގައި ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޑިޒައިންކުރާ ގޮތަކީ އައިޖީއެމްއެޗްގެ ސެންޓަރާއި ކުޅުދުއްފުށީގެ ސެންޓަރާއި ގުޅިގެން ހިންގާ ޕްރޮގްރާމެއްގެ ގޮތުގައި. ކުޅުދުއްފުށި ހޮސްޕިޓަލަށް ވަކިވަކިން ޑޮކްޓަރުން ގެންނަން ޖެހުނު ނަމަވެސް މިހާރު އިޖީއެމްއެޗްގެ ކާރޑީއެކް ސެންޓަރާއި މީހުން ގުޅިގެން މަސައްކަތް ކުރުމަށް އޮތީ އެއްބަސްވެފަ." ނާޡިމް ވިދާޅުވިއެވެ.

ކުދުއްފުށި ހޮސްޕިޓަލް ތަރައްޤީކޮށް ހިންގަން ސަރުކާރުން މިދިޔަ އަހަރު ވަނީ އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގަމުން އަންނަ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް އާ ޙަވާލުކޮށްފައެވެ. ނަމަވެސް ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތަކާ ހެދި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިންގުމާ ސަރުކާރުން ވަނީ މިހާރު ޙަވާލުވެފައެވެ.
ސަރުކާރުން މިހާރު އަންނަނީ އެ ހޮސްޕިޓަލް ހިންގާނެ ސީއީއޯ އެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުންގެންދާ ހޮސްޕިޓަލެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 3 ވަނަ ދަރަޖައިގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލަކަށް ނުވަތަ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ރިޔާސީ ވަޢުދެކެވެ.

ދެވަނަ ދަރަޖައިގެ ޞިއްޚީ ޙިދުމަތް ދޭ ހޮސްޕިޓަލެއްގެ ގޮތުގައި، މިހާރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން 12 ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތާއި ޑައިގްނޯސްޓިކް ޚިދުމަތްތަކާއި އަލްޓްރަރ ސައުންޑާއި ރޭޑިއޮލޮޖިސްޓުންގެ ޚިދުމަތް ދެމުންގެންދެއެވެ.

1982 ވަނަ އަހަރު 1 ޑޮކްޓަރާއި 2 ވޯޑާއި 6 ނަރުހުންގެ ޚިދުމަތާއެކު ސަރުކާރުން ކުޅުދުއްފުށީގައި ހޮސްޕިޓަލުގެ ޚިދްމަތް ފެށިނަމަވެސް، މިހާރު އެ ހޮސްޕިޓަލަކީ 50 އެދުގެ ހޮސްޕިޓަލެކެވެ.