ޚަބަރު

ޔަމަނާއި ގާނާގެ ސަފީރުންނާއި، ފޮރިން މިނިސްޓަރ ބައްދަލުކުރައްވައިފި


ޔަމަނާއި ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން–ރެޒިޑެންޓް ސަފީރުންނާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ މުޙައްމަދު އާޞިމް ބައްދަލުކުރައްވައިފިއެވެ.

ޔަމަނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ މުހައްމަދު މޮޓަހަރ އަލާޝާބީ އެވެ. ގާނާއިން ކަނޑައެޅުއްވި ސަފީރަކީ މައިކަލް އޭރަން ނީ ނޯރޓޭ އޮކުއަޔޭ އެވެ.

ފޮރިން މިނިސްޓްރީގައި ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އާޞިމް ވަނީ އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުގެ މުނާސަބަތުގައި ދެބޭފުޅުންނަށް ވެސް ތަހުނިޔާ ދަންނަވާފައެވެ. އަދި އެ ދެ ޤައުމާއެކު ރާއްޖެއިން އޮންނަ އަޚްވަންތަ ކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޔަމަން ސަފީރާއެކު މިނިސްޓަރ އާޞިމް ކުރިއަށް ގެންދިޔަ ބައްދަލު ކުރެއްވުމުގައި އެޤައުމުގައި ސުލްޙަ ޤާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެއާއެކު ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށާ، ރާއްޖޭގެ ތަރައްޤީއަށް ކުރިއެރުން ގެނައުމުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޔަމަނުގެ ސަފީރު ވަނީ ދެއްވާފައެވެ.

ފޮރިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު އާޞިމް ގާނާގެ ސަފީރާއެކު ކުރިއަށް ގެންދިޔަ ބައްދަލު ކުރެއްވުމުގައި ގާނާ ސަފީރު ވަނީ ރާއްޖެއާއި ގާނާއާ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިބައްދަލުކުރެއްވުންތަކުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓްރަލް، އަޙްމަދު ޚަލީލް އާއި ޑިރެކްޓަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.