ޚަބަރު

ޔަމަނާއި ގާނާގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅޫ ރައީސަށް އަރުއްވައިފި


ދިވެހިރާއްޖެއަށް ޔަމަނާއި ގާނާއިން ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރުން، ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަަށް އަރުވައިފި އެވެ.

ޔަމަނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ މުހައްމަދު މޮޓަހަރ އަލާޝާބީ އެވެ. ގާނާއިން ކަނޑައެޅުއްވި ސަފީރަކީ މައިކަލް އޭރަން ނީ ނޯރޓޭ އޮކުއަޔޭ އެވެ.

ރައީސް ޔާމީން ޔަމަނުގެ އައު ސަފީރާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ބައިނަލްއަގްވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް މަޝްވަރާ ކުރެއްވި އެވެ

ރައީސް ޔާމީން ގާނާގެ ސަފީރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ ތިރީސް އަހަރު ފުރެން ކައިރިވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ދެޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ދެޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނާއެކު ވަކިވަކިން ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އަރަބި އިސްލާމީ ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފައެވެ.