ޚަބަރު

އައިޔޫއެމްއިން ބާއްވާ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ މަހާސިންތާ މާދަމާ ފަށަނީ


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައިޔޫއެމްއިން ބާއްވާ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެފިއެވެ.

ދެ ދުވަހަށް ކުރިޔަށް ގެންދާ މި މަހާސިންތާއަކީ އިސްލާމިކް ޔުނިވަރސިޓިއާއި އެމެރިކާގެ އިންޓަރނޭޝަނަލް އިންސްޓްޓިއުޓް އޮފް އިސްލާމިކް ތޯޓް އައި.އައި.އައި.ޓީ އާއި ގުޅިގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ. "ތޯޓް، ކަލްޗަރ، އެންޑް ސިވިލައިޒޭޝްން އިން ބިލްޑިންގް ޕީސް، މިޝިއާރުގެ ދަށުން ކުރިއަށްދާ މިމަހާސިންތާގައި 43 ދިރާސާ ކަރުދާސް ހުށަހަޅާނެކަމަށް އިސްލާމިކް އުނިވަރސިޓީން ބުނެއެވެ. މީގެތެރޭގައި މި ކޮންފަރެންސްގައި ބައިވެރިވާ ބޭރުގެ އެކި ޤައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 37 ކަރުދާހަކާއި ރާއްޖޭގެ 6 ބޭފުޅަކު ހުށަހަޅުއްވާ ކަރުދާސް ހިމެނެއެވެ. އަދި ކުރީ އަހަރުތަކާއި ޚިލާފަށް މި އަހަރު އަރަބި ބަހާއި އިނގިރޭސި ބަހާއި ދެބަހުން ދިރާސާ ހުށަހަޅާފައިވާކަމަށް އައިޔޫއެމްއިން ބުނެއެވެ.

އައިޔޫއެމްގެ އެސޯސިއޭޓް ލެކްޗަރަރ އާދަމް ނަސީރް އިބްރާހިމް ވިދާޅުވީ މަހާސިންތާގެ ބައިވެރިންގެ ފަރާތުން ހުށަހަޅާ ދިރާސާ ކަރުދާސްތަކުގެ ތެރެއިން މުހިއްމު ކަރުދާސްތައް އެ ޔުނިވާސިޓީގެ މަންޙަޖުގައި ހިމަނާނެކަމަށެވެ. އަދި މި ކަރުސާށްތަކުގެ ސަބަބުން މިސަރަހައްދުގެ ޔުނިވަރސިޓީތަކުގައި މުޤައްރަރުތައް އެކުލަވާފައިވާގޮތާއި އުނގަންނައިދިނުމަށް ބޭނުންކުރަމުން އަންނަ މުހިއްމު އުސޫލުތައް އެގިގެންދާނެކަމަށްވެސް އާދަމް ނަސީރު ވިދާޅުވިއެވެ.

މި މަހާސިންތާގައި 12 ޤައުމަކުން ޢިލްމީ ބޭފުޅުން ބައިވެރިވަޑައިގަންނަވާނެއެވެ. މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ޔުގަންޑާގެ ޕްރޮފެސަރެއްކަމަށްވާ ޑރ.ޢުމަރު ޙަސަން ކަސުލް ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައެވެ. ޑރ.ކަސުލް އަކީ އެމެރިކާގެ ހާވަޑް ޔުނިވާސިޓީން އެޕިޑެމިއޮލޮޖީން ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި މަޝްހޫރު އިލްމުވެރިއެކެވެ.

އައިޔޫއެމްއިން ބާއްވަމުން އަންނަ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާއަކީ ދިރާސާކުރުމުގެ ޘަޤާފަތް ތަޢުލީމީ ދާއިރާގައި އަށަގަނެވުމާއި ދީނީ، އިޖްތިމާޢީ އަދ އިޤްތިސާދީ ކަންކަމާއި ގުޅޭގޮތުން ޢިލްމީ ނަޒަރިއްޔާއިން ވިސްނާ ބަހުސްކުރުމުގެ ވެއްޓެއް ޤާއިމްކުރުމުގެ މަޤްސަދުގައި އައިޔޫއެމްއިން ކުރިއަށްގެންދާ މަހާސިންތާއެކެވެ.