ޚަބަރު

އިމްޕޯޓް އެކްސްޕޯޓް އިތުރުވެ އާމްދަނީ 223 މިލިއަނަށް



އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ މަހު ދަޢުލަތަށް 223 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ކަސްޓަމްސްއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު %4 އިތުރުވެފައެވެ. މދިޔަ އަހަރު ޖޫން މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 215 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސް ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ޖުމްލަ އަގު 2017 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް 2.89 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ ޖޫން މަހު މިޢަދަދުވަނީ 3.55 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 24 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 15 އިންސައްތަ އަދި ސިންގަޕޫރުން 10 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއިން ބޭރުކުރި ކުރި މުދަލުގެ މިންވަރު 2017 ޖޫން މަހާ އަޅާބަލާއިރު 46 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ޖޫން މަހު 422 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 616 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ޖޫން މަހު އެކްސްޕޯޓްކުރި މުދަލުގެ 27 އިންސައްތަ ޖަރުމަންވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާ އާއި، ފަރަންސޭސްވިލާތް އަދި ތައިލެންޑަށް 11 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.