ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ވަޢުދުފުޅު ތެރޭގައި ހިމެނޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ރަސްމީ ނަމެއްގެ ގޮތުގައި "ސިނަމާލެ ބްރިޖް" ހަމަޖައްސައިފި އެވެ.
މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ރަސްމީ ނަން އިޢުލާންކޮށްދެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބްރިޖުގެ ގިނަ މަސައްކަތްތަކެއް ވަނީ ނިންމާލާފައެވެ. އެގޮތުން، ބްރިޖުގެ ޒަރީއާއިން މާލެއާއި ހުޅުލެ ވަނީ ގުޅާލާފައެވެ. އަދި އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހުޅުލެއާއި މާލެ ގުޅާލަދޭ މި ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭނެއް އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ މި މަޝްރޫޢަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާފައިވާ މަސައްކަތެކެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ހިންގޭ، އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުވެސްމެއެވެ.
މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި 170 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ލޯނު އެހީގެ ގޮތުގައެވެ. ބްރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.
ބްރިޖުގެ މަސައްކަތް ކުރަނީ، މިފަދަ މަސައްކަތްތައް ކުރުމުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކުންފުންޏެއްކަމަށްވާ ޗައިނާގެ ސީސީސީސީ ކުންފުންޏެވެ.