ޚަބަރު

ކެމްޕެއިން ހަރާކާތްތަކަށް ހުރަސް އަޅައިގެން ނުވާނެ - އެޗްއާރުސީއެމް


ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގައި ކެންޑިޑޭޓުންނާއި ރަނިންގ މޭޓުންގެ އަބުރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ކެމްޕޭނުކޮށް ތާއިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންގ މޭޓުންނަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރު ގެއްލޭފަދަ ކަންކަން ނުކުރުމަށްވަނީ ގޮވާލާފައެވެ. އަދި މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަފަސާދަ އުފެދި އާއްމު މަސްލަޙަތު ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުންނާއި، އަދި އެންމެހާ ފަރާތްތަކުންވެސް ހަރަކާތްތައް ނުހިންގުމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި، ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާން އޮމާންކަމާއެކު ކުރިއަށްގެންދާ ޙަރަކާތްތަކަކަށް ހެދުމަށާއި ޤާނޫނާއި ގަވާއިދުތަކަށް އެންމެހާ ފަރާތްތަކުންވެސް އިޚްތިރާމް ކުރުމަށްވެސް އެޗް.އާރު.ސީ.އެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ފުރައްސާރަ ނުކުރުމަށް އެޗްއާރުސީއެމުން ގޮވާލާފައިވާއިރު އިނތިހާބުގައި ވާދަކުރާނެކަން އިއުލާންކުރައްވާފައިވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބު ވަނީ ފުލުހުންނާއި ހޯމް މިނިސްޓްރީއަށް އަންގާފައެވެ.