ޚަބަރު

މާލޭ ދަފުތަރުގައި ފަސޭހައިން ރަޖިސްޓްރީވެވޭނެ ގޮތްހަދައިފި


މާލޭ ދަފްތަރުގައި ފަސޭހަކަމާއެކު ރަޖިސްޓްރީވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްފަހު "ހިޔާ" މަޝްރޫޢުގެ އެ ގިންތީގެ ފްލެޓްތަކަށް އެދޭ ފޯމް ބަލައިގަންނަން ފަށައިފިއެވެ. މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރައްވަމުން ހައުސިންގ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެކްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވީ މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމަށްޓަކައި، މިހާތަނަށް ރައްޔިތުން ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހިފައިވާކަމަށާ، އެހެން ނަމަވެސް ލުއިފަސޭހައިން އެކަންކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ޒަރީރު ވިދާޅުވީ، ދަފްތަރުގައި ޖެއްސުމަށް، މާލޭގައި އުޅުނު ކަމަށް އިގުރާރުވެ ދެ ހެކިންގެ ހެކިބަހާއި އެމީހުންގެ ސޮޔާއި އައިޑީކާޑު ހުށަހެޅުމުން އެކަން ހަމަޖެހޭނެ ކަމަށާ، އެހެން ނަމަވެސް ޢާއިލީ ބޭފުޅުންގެ ހެކިބަސް ޤަބޫލުނުކާނެ ކަމަށެވެ. އަދި މާލޭގެ ދަފްތަރުގައި ޖެހުމަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ދަފްތަރު ރަޖިސްޓްރީގައި ޖެހުމަށް ގެނައި ބަދަލާއެކު ކުރިން ފޯމު ހުށަހެޅި ފަރާތްތަކަށް ވަކިވަކިން ގުޅައި ދަފްތަރުގައި ޖެހުމަށް އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގައި ދިމާވެދާނެ ދަތިތަކަށް ބެލުމަށްފަހު، އަލަށް ދަފްތަރުގައި ޖެހުނު ނަމަވެސް ދަފްތަރު އަޕްޑޭޓް ކުރަން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބުގެ ފަހުން ކަމަށާ، އެހެން ކަމުން އިންތިޚާބުގައި ވޯޓުލުމަކަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހެޅުމުން ދަފްތަރުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ވަގުތީ ލިޔުމެއް ލިބޭނެކަމަށާ އެލިޔުމާއެކު "ހިޔާ" މަޝްރޫޢުގައި ހިމެނޭ ދަފްތަރު ކެޓަގަރީގެ ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ފްލެޓްތަކަށް ފޯމު ބަލައިގަތުމާއި، މާލޭ ދަފްތަރުގައި ރަޖިސްޓަރީވުމަށް ފޯމު ނެގުމާއި، ފޯމު ހުށަހެޅުމުގެ ޚިދުމަތް، ހައުސިން މިނިސްޓްރީގައި އަލަށް ޤާއިމުކުރި ވަގުތީ އިމާރާތުން މިހާރުދަނީ ދެމުންނެވެ. އެގޮތުން ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް، ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 11:00 އަށް ޚިދުމަތް ލިބޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.