ޚަބަރު

ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެވޯޑް ދިނުން މިރޭ


މިދިޔަ އަހަރާއި މިއަހަރު ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ 36 ދަރިވަރުންނަށް އެކަމުގެ އެވޯޑްދިނުން މިރޭ އޮންނާނެއެވެ. މިރޭ ތާއްޖުއްދިން ސްކޫލްގައި ބާއްވާ ހަފްލާގައި އެވޯޑް ހަވާލުކޮށްދޭނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިޙާނުތަކުން ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީގެ ދިވެހި، އިސްލާމް، މި ދެ މާއްދާއިން ދަށްވެގެން "އޭ" ފާސް ހޯދާ ދަރިވަރުންނަށެވެ.

އެގޮތުން މިދިޔައަހަރު އޮކްޓޯބަރ، ނޮވެމްބަރ އަދި މިއަހަރު ޖެނުއަރީގައި ބޭއްވި އިމްތިޙާނުތަކުން ފަސް މާއްދާއިން އޭ ފާސް ހޯދާއިގެން 36 ދަރިވަރަކު ވަނީ ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑަށް ހޮވިފައެވެ. މި ސްކޮލަރޝިޕުގެ ފުރުޞަތު ލިބޭ ދަރިވަރުންނަށް މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި ސާރކް ޤައުމުތަކުން ބޭނުން ޤައުމެއްގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. އަދި މި ޤައުމުތަކުން ބޭރު ޤައުމެއްގައި ކިޔެވުމަށް ވެސް ހައި އެޗީވަރސް ސްކޮލަރޝިޕް އުޞޫލުގެ ދަށުން ދަރިވަރުންނަށް ފުރުޞަތު ލިބެއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑަކީ މަތީ ޘާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ ޢިލްމީގޮތުން ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ފެއްޓެވި ސްކޮލަރޝިޕް ސްކީމެކެވެ.

ހައި އެޗީވާރސް ސްކޮލަރޝިޕަށް 36 ދަރިވަރަކު ހޮވިފައިވާއިރު ދާދިފަހުން އެޑިއުކެޝަން މިނިސްޓްރީން ބޭއްވި އޭލެވެލް ޓޮޕް އެޗީވާރސް އެވޯޑް ހަފްލާގައި 205 ދަރިވަރަކު ވަނީ އޭލެވެލް އިން އެންމެ މަތީ ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި ހިމެނިފައެވެ.