ކުޅިވަރު

ރެއާލްމެޑްރިޑް ދޫކޮށް، ރޮނަލްޑޯ ޔުވެންޓަސްއަށް ސޮއިކޮށްފި!


ޔުވެންޓަސްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކްރިސްޓިއާނޯ ރޮނަލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅިއްޖެއެވެ.

ރެއާލްމެޑްރިޑް ދޫކޮށް ރޮނަލްޑޯ ޔުވެންޓަސްއާ ގުޅުނީ 99.2 މިލިއަން ޕައުންޑަށެވެ. މިއީ މިހާރު ހަތަރު ވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ. އެންމެ އަގުބޮޑު ޓްރާންސްފާއަކީ ބާސާ ދޫކޮށް ޕީއެސްޖީއަށް ދިޔަ ނޭމާގެ ޓްރާންސްފަރއެވެ. އަދި އެމްބާޕޭއާއި، ކުޓީނިއޯގެ ޓްރާންސްފާއަކީވެސް ރޮނަލްޑޯގެ ޓްރާންސްފަރއަށްވުރެ އަގުބޮޑު ޓްރާންސްފަރތަކެވެ.
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއާ ގުޅުމަށްފަހު 33 އަހަރުގެ ރޮނަލްޑޯ ބުނީ ބަދަލުގެ ބޭނުމަކީ ކެރިއަރުގެ މިހާ ހިސާބުން އާޗެލެންޖެއް ކުރުންކަމަށެވެ. ރިލީޒަށް ކްލަބްގައި އެދުނީ އާ ޗެޕްޓަރެއް ފަށަންކަމަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބުންޏެވެ. ރޮނަލްޑޯ ބުނީ ރެއާލް ދޫކޮށްލިޔަސް އޭނާގެ ހިތުގައި އަބަދުވެސް އެކްލަބް އޮންނާނެކަމަށާއި، އެކްލަބްގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

ރޮނަލްޑޯ 2002 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލްއާ ގުޅުނީ އޭރުގެ ރެކޯޑް ފީއެއްކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ވޭތުވެދިޔަ މުއްދަތުގައި ރޮނަލްޑޯ ވަނީ ރެއާލްއަށް 450 ގޯލް ޖަހާދީފައެވެ. މިއީ ކްލަބްގެ ރެކޯޑެކެވެ. މިމުއްދަތުގެ ތެރޭގައި ރޮނަލްޑޯ ވަނީ ހަތަރު ފަހަރު ބެލަންޑިއޯ ހޯދާފައެވެ. އަދި ވިދިވިދިގެން ތިން ފަހަރު ރެއާލްއާއެކު ޗެމްޕިއަންސްލީގު ހޯދިއެވެ. ޖުމްލަ ހަތަރު ފަހަރު ރެއާލްއާއެކު ރޮނަލްޑޯ ވަނީ ޗެމްޕިއަންސްލީގު ހޯދާފައެވެ. ރެއާލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޮނަލްޑޯ އަބަދުވެސް ވާނީ ކްލަބްގެ ސިމްބަލްއަކަށްކަމަށެވެ.