ކުޅިވަރު

މޮޑްރިޗް ވަރަށް މޮޅު. އެކަމަކު އަހަރުމެންނަށް ވާނެ: ހެންޑަސަން


ކްރޮއޭޝިޔާގެ މިޑްފީލްޑަރުންގެ ތެރެއިން ކެޕްޓަން ލޫކާ މޮޑްރިޗަކީ ވަރަށް މޮޅު ކުޅުންތެރިއެއް ނަމަވެސް އިނގިރޭސިންނަށް ކްރޮއޭޝިޔާ ބަލިކުރެވޭނެ ކަމަށް މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ބުނެފިއެވެ.
ވަރލްޑް ކަޕް ސެމީ ފައިނަލުގައި މި ދެ ޓީމު މިރޭ ކުޅޭ މެޗުގެ ކުރިން ހެންޑަސަން މިހެން ބުނީ މެޗުގެ އެންމެ މުހިންމު ދައުރެއް އަދާކުރާނީ ދެ ޓީމު މިޑްފީލްޑަރުންތޯ ނޫސްވެރިން އެހުމުންނެވެ.

"އަހަރެން އޭނާއާ ދެކޮޅަށް ކުޅުނިން. އޭނާ އަކީ ވަރަށް ތަފާތު މޮޅު ކުޅުންތެރިއެއް. ކްރޮއޭޝިޔާގެ މީޑްފީލްޑަރުންނަކީ ވަރަށް ތަފާތު މޮޅު ބައެއް. ދުނިޔޭގެ އެންމެ މޮޅު ޓީމުތަކަށް އެމީހުން ކުޅެނީ. އެކަމަކު ތަފާތަކީ އަހަރުމެން މި މެޗުން މޮޅުވާން ބޭނުންވެފައި ތިބި މިންވަރު،" ލިވަޕޫލްގެ ކެޕްޓަން ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ތެރޭގައި އުފެދިފައިވަނީ ވަރަށް ވަރުގަދަ ރޫހެއް ކަމަށާއި 1966ގެ ހަނދާންތައް ކުޅުންތެރިންގެ ސިކުނޑިތަކަށް މިހާރު ވަދެފައިވަނީ ވީޑިއޯ ފުޓޭޖްތަކުގެ ޒަރީއާއިން ކަމަށެވެ.
ކޯޗު ގެރެތް ސައުތް ގޭޓް ބުނީ ކްރޮއޭޝިޔާއާ ދެކޮޅަށްވެސް ތައްޔާރުވީ އެހެން މެޗުތަކާ އެއްގޮތަކަށް ކަމަށެވެ.

"މި މެޗަށް އަހަރުމެން ވަކި ތަފާތެއް ނުކުރާނަން. ކުރީ މެޗުތަކަށް ތައްޔާރުވި ފަދައިން އަހަރުމެން ތައްޔާރުވީ. މި ޓީމު މިއޮތީ ވަރަށް އިތުބާރާއެކު. މިހެންވީމަ ތައްޔާރުވުމަށް ވަކި ތަފާތުތަކެއް ގެންނާކަށް ނުޖެހޭ. އަހަރުމެންގެ އެންމެ މުހިންމު ކަމަކީ ކޮންސިސްޓެންސީ ހިފެހެއްޓުން،" ކޯޗު ބުންޏެވެ.

1966ގެ ތަށި އިނގިރޭސިން ހޯދި ފަހުން އެ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1990ގެ ސެމީ ފައިނަލް ކުޅުމެވެ. ނަމަވެސް ސައުތް ގޭޓް ބުނީ އޭނާގެ ޒުވާން ޓީމަށް މިފަހަރު ފައިނަލަށް ދެވިދާނެ ކަމަށެވެ.

"ކްރޮއޭޝިޔާ އަކީ ވަރަށް ތަޖުރިބާކާރު ޓީމެއް. އެކަމަކު އަހަރުމެންގެ ސްޕީޑާއި މޮޅުވާން ބޭނުންވެފައިތިބި މިންވަރަކީ ތަޖުރިބާގެ މައްޗަށް ގަދަވެ ގަނެވޭނެ ކަމެއް. ޤައުމީ ޓީމު ބޮޑު މުބާރާތެއްގެ ފައިނަލްގައި މީގެ ކުރިން ނުކުޅަނަސް ކުލަބު ލެވެލްގައި ތަޖުރިބާހުރި ކުޅުންތެރިން ޓީމުގައި އެބަތިބި. އެއީ ވެސް ހިތްހަމަޖެހުމެއް. އެމީހުން ޓީމު ލީޑް ކުރާނެ،" ސައުތް ގޭޓް ބުންޏެވެ.