ކުޅިވަރު

އިނގިރޭސިންނާ ދެކޮޅަށް ކުޅޭނެ ހަކަތަ އެބަހުރި: ކްރޮއޭޝިޔާ ކޯޗު

ވަރލްޑަ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް މިރޭ އިނގިރޭސިންނާ ދެކޮޅަށް ކުޅޭނެ ހަކަތަ އޭނާގެ ޓީމުގައި އެބަހުރި ކަމަށް ކްރޮއޭޝިޔާގެ ކޯޗު ޑަލިކް ބުނެފިއެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ދެ ވަނަ ބުރާއި، ކުއާޓާ ފައިނަލުގައި ވެސް އިތުރު ވަގުތުގެ 30 މިނިޓް ކުޅެ ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިޔާއަށް މެޗުތައް ނިންމާލަން ޖެހުމުންނެވެ.

"އެއްވެސް ޝައްކެތްނެތް. އަހަރުމެން ޓީމުގައި އިނގިރޭސިންނާއެކު ކުޅެން ބޭނުވާ ހަކަތަ އެބަހުރި. އަހަރުމެން މިތިބީ މި މެޗު ކާމިޔާބު ކުރަން ތައްޔާރުވެގެން. އިނގިރޭސީންނަކީ މޮޅު ޓީމެއް. އެކަމަކު ކްރޮއޭޝިޔާގައި ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ގިނަ ޓީމެއް އެބައޮތް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ދެ މެޗުގައި ވެސް އިތުރު ވަގުތު ކުޅެން ޖެހުމުން ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސް ކުރަން ޖެހުނު ކަމަށާއި، ނަމަވެސް އެއީ ބަލިވުމަށް އޮތް ބަހަނާއެއްނޫން ކަމަށެވެ.
ޑަލިކް ބުނީ 1998 ވަނަ އަހަރުގެ ވަރލްޑް ކަޕުގެ ސެމީ ފައިނަލް ކުޅުނު ޓީމަށްވުރެ ކުރިއަށްދިއުމަށް ކްރޮއޭޝިޔާގެ މިހާރުގެ ޓީމަށް ލިބިފައިވާ ފުރުސަތުތައް ނަގާލަން ބޭނުންނުވާ ކަމަށެވެ.

"ހުރިހާ ކުޅުންތެރިންގެ ވެސް އަޒުމަކީ މި މެޗު ކާމިޔާބު ކުރުން. ފައިނަލަށް ދިއުން. ކުޅުންތެރިން ޤަބޫލުކުރޭ މިއަށްވުރެ ވަކި ފަހި ފުރުސަތެއް އެމީހުންނަށް ދެން ވަރލްޑަ ކަޕް ކާމިޔާބު ކުރަން ނުލިބޭނެ ކަމަށް. މިހެންވެ ކޮންމެ ފަދަ ޤުރުބާނީއެއް ވެސްވާން މި ޓީމު އޮތީ ތައްޔާރަށް،" ކޯޗު ބުންޏެވެ.