ޚަބަރު

ޑރ.ޝަހީމަށް މުފްތީ މެންކު މަރުޙަބާ ވިދާޅުވެއްޖެ


ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކު، ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދަށް މަރުޙަބާ ވިދާޅުވެއްޖއެވެ.

ޑރ.ޝަހީމަށް މަރުޙަބާ ވިދާޅުވެ މުތްފީ މެންކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ކާމިޔާބީއަށް އެދޭ ކަމަށާއި ރައީސް ޔާމީންގެ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް އިތުރު ހެޔޮ ގޮތްތަކެއް ވުމަށްއެދި ހެޔޮ ދުޢާ ކުރައްވާކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް، ކީރިތި ޤުރްއާން ހިތުދަސް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ހަމަޖެއްސުމާ ގުޅިގެން އެ ނިންމެވުމަށް ތާޢީދުކުރާކަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންތަކެއްވެސް ވަނީ ހާމަކުރައްވާފައެވެ. މި ނިންމެވުމަށް ތާޢީދުކޮށް ދީނީ ޢިލްމުވެރިން ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ޝަހީމް ހަމަޖެއްސެވުމަކީ ޢިލްމުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެކަމުން ހާމަވެގެން ދަނީ ރައީސް ޔާމީން ދީނީ ކަންކަމަށާއި، ޢިލްމްވެރިންނަށް ފުރުޞަތުދޭން ބޭނުން ފުޅުވާ މިންވަރު ކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސްލާރގެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދަކީ މިސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.