ޚަބަރު

ޢިލްމުވެރިން ނަޝީދަށް: ޚިޔާލު ތަފާތުވިއަސް އަބުރު ކަތިނުލާ، އެއީ ބޮޑު ފާފައެއް


ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓުކަން ދެއްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ އިސްލާމިކް ސްޓޭޓް، އައިއެސްއަށް ތާޢީދު ކުރާ ބޭފުޅެއްކަމަށްބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓަށް ދީނީ ޢިލްމުވެރިން ފާޅުގައި ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން އަންނައިރު، ނަޝީދުގެ ޓުވީޓަށް ޚުދު އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޢިލްމުވެރިންތަކެއްވެސް އަންނަނީ ފާޅުގައި ރައްދު ދެއްވަމުންނެވެ.

ނަޝީދު ޑރ. ޝަހީމަށް އެފަދަ މޭރުމަކުން މުޙާތަބު ކުރައްވާފައިވާތީ އެކަމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީންވެސް ވަނީ ނަޝީދަށް ރައްދު ދެއްވާފައެވެ. އެގޮތުން މ. މުލީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީހެއްގެ އަބުރަށް އަރައިގަތުމަކީ ކަނޑައެޅިގެން ބޮޑު ފާފައެއް ކަމަށެވެ. ނަމަވެސް އެފަދަ ބޮޑެތި އިލްޒާމުތައް މީހުންގެ ބޮލުގައި އަޅުވަން "ހެޔޮނުވާނެ" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެފަދަ ކަންކަން ކުރަނީ ދީނީ ޢިލްމުވެރިން ކަމަށް ބުނެގެން ނުވާނެ ކަމަށެވެ.

"މިއީ އައިސިސްއަށް މީހުން ތަމްރީން ކުރާ މީހެކޭ. ސުބުޙާނަﷲ. މިއީ ކޮންކަހަލަ ވާހަކައެއްތޯ މި ދައްކަނީ. މީހެއްގެ އަބުރަށް އަރައިގަނެވިދާނެ. އެއީ ކަނޑައެޅިގެން ބޮޑު ފާފައެއް. އެކަމަކު މިވަރުގެ ބޮޑެތި އިލްޒާމުތައް މިވަރުގެ ބޮޑެތި ކަންތައްތައް މީހުންގެ ބޮލުގައި އަޅުވަން ހެޔޮނުވާނެ. ދިވެހިރާއްޖޭގައި ތިބެދާނެ ކަންނޭނގެ އެކަން ކަމަށް ޝަޢުގުވެރި ވެގެން އެމީހުންނަށް ޤަބޫލުކުރެވޭ އިޢުތިޤާދެއްގައި އެއީ ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލު ކުރެވިގެން ސީރިޔާ މަގުން ނުވަތަ އެ ނޫން މަގަކުން ތަންތަނަށް ދާ މީހުން ތިބެދާނެ. އެކަމަކު އެއީ މިވަރުގެ ޢިލްމުވެރިން ތިބެގެން ކުރާ ކަމެކޭ ބުނަން ހެޔޮނުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުމެން ފަދަ ބޭފުޅުންނަށް އެހެން މީހުންނޭ ކިޔައިގެން ކޮންމެ ފަދަ ވާހަކައެއް ދެއްކުމަކީވެސް އެބޭފުޅުންގެ ނަޒަރުގައި ހުއްދަ ކަމަކަށް ވެދާނެކަމަށެވެ. ނަމަވެސް އެއްވެސް މީހަކާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދުގެ ޓުވީޓާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ކުރީގެ ނާއިބު ރައީސް ޝެއިހް މައުރޫފް ޙުސައިން ވިދާޅުވީ ޑރ. ޝަހީމާއެކު އެމަނިކުފާނުވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ހައްދުފަހަނަ އަޅާފައިވާ އެއްވެސް ފިކުރަކަށް ނުވަތަ އައިއެސްއަށް ޑރ. ޝަހީމެއް އަދި އަދާލަތު ޕާޓީގެ އެއްވެސް ޢިލްމުވެރިއެއް ތާޢީދެއް ނުކުރައްވާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ ޢިލްމުވެރިން މަޖިލީހުގެ މެންބަރު ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ޝަހީމަކީ އެފަދަ އެއްވެސް ފިކުރަކަށް ތާޢީދު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. ސިޔާސީ ގޮތުން ވާދަވެރި ކަމެއް އޮތް ނަމަވެސް "ބުހުތާނު" ދޮގު ހަދައިގެން މީހުންގެ އަބުރު ކަތި ނުލުމަށް ޑރ.އިޔާޒް ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.

ރައީސް ނަޝީދުގެ މި ޓުވީޓާއި ގުޅިގެން ޖަމިއްޔަތުއް ސަލަފްގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ ކެމްޕެއިން ކުރުމުގައި އެއްވެސް ފަރާތަކުން ދޮގު ފަތުރައިގެން އިސްލާމީ އަޤީދާއާ އަމިއްލަ ޤައުމު ވިއްކައިގެން ވިއަސް ތިމާމެން ބޭނުންވާ ގޮތް ޙާސިލް ކުރުމަަށް މަސައްކަތް ކުރުމަކީ އެބައެއްގެ ގޮތް ހުސްވެ، ބާތިލްގައި ތިބި ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓުކަމަށް ޑރ. ޝަހީމް ހަމަޖެއްސުމާއިއެކު އިދިކޮޅު ފަރާތްތަކުން އަންނަނީ ޑރ. ޝަހީމާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރަމުންނެވެ.