ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެލަވަންސް 5000ރ އަށް އިތުރު ކުރަނީ


ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދެމުން ގެންދާ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާން ކުރައްވައިފިއެވެ.

މ. މުލީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާނަމަ ކޮންމެ ރަށެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މަދުން ނަމަވެސް އެބަތިބި ކަމަށެވެ. އެކި ކަންކަމުންނާއި އެކި ޙިއްސުތަކުން މަޙްރޫމްވެފައި ތިބި މީހުން އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ކުދިން ނުވަތަ މީހުންނަކީ އުފަންވާއިރު ނުވަތަ ދިރިއުޅުމުގެ ވަކި ހިސާބަކުން ކުރިމަތިވާ ކަމެއްގެ ސަބަބުން އެ ޙާލަތަށް ދާ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށެވެ. "ޤާބިލް" މި ނަމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ހިންގާ މަޝްރޫޢުގެ އަމާޒަކަށް ވާނީ އެފަދަ ކުދިންގެ ތެރެއިން ވަޒީފާ ނުލިބޭ ކުދިންނަށް ވަޒީފާ ހޯދައިދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމައެއާއިއެކު އެފަދަ ކުދިންނަށްވެސް އެކުދިންގެ ބޭނުންތައް ފުއްދުމަށް ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އޭގެ ބޭނުމަކަށް ވަނީ އެ ކުދިންނަކީ އަމިއްލައަށް މަސައްކަތްކޮށް އަމިއްލައަށް އާމްދަނީ ހޯދޭ ކުދިންތަކަކަށް ހެދުން. އަދި އެކަން ކުރެވެންދެން މިހާރު މިހިނގާ ސަރުކާރު ކުންފުނިތަކުން ވަޒީފާ ލިބުމުގެ އިތުރުން އެކަންވެސް ވާނެ އެކަން ނުލިބޭ ކުދިންނަށް އަޅުގަނޑުގެ ސަރުކާރެއްގައި ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއިން ކޮންމެ ކުއްޖަކަށް 5000ރުފިޔާ އަޅުގަނޑު ކަށަވަރު ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އޯގާތެރި ސަރުކާރަކަށް ވާން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ވެސް ކާއްޞަ ނިޒާމަކާއި އުޞޫލެއްގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނީ މި ސަރުކާރުން ކަމަށެވެ.