ދަޢުލަތުގެ މީޑިއާ ހަރުދަނާ ކުރަންޖެހޭ ކަމަށާއި އެހެންކަމުން ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ވީ އެންމެ އަވަހަކަށް ފާސްކުރަންޖެހޭ ކަމަށް އެ އިސްލާހަށް ބަހުސް ކުރެއްވި މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގެންފައިވާއިރު މި އިސްލާހަށް ތާޢީދުކޮށް މަޖިލީހުގައި ގިނަ މެންބަރުންތަކެއް ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ދައުލަތުގެ މީޑިއާ ހަރުދަނާ ކުރަންޖެހޭ ކަމަށް ބައެއް މެންބަރުންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ ދުވަހަކުވެސް ކުރި ނާރާވަރަށް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރިއަރާފައިވާ ކަމަށެވެ.
ނިހާން މިއަދު ވިދާޅުވީ ޕީއެސްއެމްގެ ޤާނޫނު 2015ވަނަ އަހަރު ފާސް ކުރިއިރު ބައެއް ސަބަބުތަކާއި ހުރެ މުހިއްމު މަފްހޫމްތައް އެ ޤާނޫނުގައި ހިމެނިފައިނުވާ ކަަމަށެވެ. ނަމަވެސް ވަގުތާއި ޙާލަތަކީ ޤާނޫނުތައް ފުރޮޅިގެންދާއިރު ބަދަލުވަމުން އަންނާނެ ޙާލަތްތަކެއް ކަމަށް ނިހާން ވިދާޅުވިއެވެ.
"އެހެންވީމަ މިއަދުގެ މި ހާލަތުގައި އަދި ވަކިން ހާއްސަކޮށް މިއަހަރަކީ ރިޔާސީ އިންތިޚާބުވެސް އޮންނަ އަހަރު، އަދި ޚާއްސަކޮށް އިއްޒަތްތެރި މެންބަރު ގާނޫނު އަސާސީއާ ހަވާލާދެއްވާ އެ ވިދާޅުވި މުހިއްމު ނުކުތާގެ މަފްހޫމްގެ ތެރެއަށް ރަނގަޅަށް ފެއްތުމަށްޓަކައި ގެނެވިގެންދާ މުހިއްމު ބަދަލަކަށް މި ބަދަލު ވެގެންދާނެ. މި ބަދަލު ހަމަ ނިމިގެން ދިއުމާއި އެކުގައި އަޅުގަނޑުމެންނަށް ޕީއެސްއެމްގެ ދުވެލި މިހާރަށްވުރެ ބާރު ދުވެއްޔެއްގައި ދާތަން ފެންނާނެ،" ނިހާން ވިދާޅުވިއެވެ.
ނިހާން ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ބްރޯޑްކާސްޓްކުރާ ޗެނަލަކުން ފުރަތަމަ ފަހަރަށް ފޯކޭ ކޮލިޓީގެ ޗެނަލެއް އުފައްދާފައިވާތީ ނިހާން ވަނީ މަޖިލީހުގެ ޖަލްސާގައި އެކަން ފާހަގަކުރައްވާފައެވެ. އަދި ނިހާން ވަނީ ޕީއެސްއެމް ކުރިއެރުވުމަށް އެ ކުންފުނީގެ އިސް ހިންގުންތެރިން ކުރައްވާފައިވާ މުހިއްމު މަސައްކަތްތައްވެސް ފާހަގަކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
"އަޅުގަނޑުމެން އުފެއްދި ގާނޫނަކުން 2015/9 އިން ވުޖޫދުވެ އުފެދި އެދެވޭ ރައްޔިތުން ބަލައިގަންނަ ފަދަ ދީނީ ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތާއި ކުޅިވަރާއި މުނިފޫހިފިލުވުމާއި އާންމު ސިއްހަތާއި ޚަބަރާއި އަދިވެސް މިހެން ވަރަށް ބައިވެރު ކަންތައްތައް ވަރަށް ހަމައާއި އިންސާފާއި ރަނގަޅު ގޮތުގައި ހާއްސަ ގޮތެއްގައި ޕަބްލިކް ސަރވިސް މީޑިއާއަށް ވެފައި ދައުލަތުގެ ފަރާތުން ދައުލަތުގެ ތިންބާރުގެ ތެރެއިން ރައްޔިތުންނަށްޓަކައި ކޮށްދެއްވާ ކަންކަން ވަރަށް ސާފުކޮށް ގެނެސްދެއްވުމުގެ ބުރަ މަސައކަތް އެބޭފުޅުން ކުރައްވާފައި އެބަހުރި އެއީ އެ ގާނޫނާއި އަދި ރާއްޖޭގެ ހަމަތައް އޮންން އުސޫލުންވެސް އެކަން ކުރަންޖެހޭ ގޮތް. ރައީސްގެ ދަތުރުފުޅުތަކާއި އެމަނިކުފާނު ރާއްޖޭގެ ތަރައްގީއަށް ގެނެސްދެއްވާ ކަންތައްތައް ޕަބްލިކް ސަރވިސް މީޑިއާއިން ނުގެނެސްދީ ގެނެސްދޭނެ އެހެން މީޑިއާއެއް ނޯންނާނެ،" ނިހާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އެފަދަ ބައެއް މަސައްކަތްތައް ކުރުމަށް ބޯޑެއް އޮންނައިރު ބޯޑު މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައްވެސް ހުންނާނެ ކަމަށެވެ. ސިޔާސީ ގޮތުން ބައެއް ފަހަރު ބައެއް ދިމަ ދިމާލަށް ބައެއް ކަހަލަ ވިސްނުންތައް ކަފިވެގެންދާއިރު ބައެއް ކަހަލަ "ނަގިލިތައް ބައެއް ދިމަ ދިމާލުގައި އަޅައިގަނެވޭތަން" އަންނާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ ޕީއެސްއެމްގެ ގަވަރނިންގ ބޯޑު އުވާލަން އިސްލާހު ހުށަހެޅުއްވީ، ކުންފުނި އެކުލަވާލުމާއި ހިންގުމުގައި ރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުހިންމު މަފްޙޫމްތަކާއި ސިފަތައް ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ހިމެނިފައިނުވާތީ ކަމަށެވެ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ ޕީއެސްއެމް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމާއިއެކު އެކުންފުނި ހިންގުން ހަރުދަނާވެގެން ދާނެއެވެ.
ޕީއެސްއެމްގެ ޤާނޫނަށް ހުށަހަޅާފައިވަނީ އެ ޤާނޫނުގެ ދެވަނަ މާއްދާގެ އ އަދި ކ އުވާލުމަށެވެ. ޕީއެސްއެމް ޤާނޫނުގެ ދެވަނަ މާއްދާގެ އ ގައި "ގަވަރނިންގ ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ ކަންކަން ޙަވާލުކުރެވޭ ފަރާތަށެވެ. ދެވަނަ މާއްދާގެ ކ ގައި "އިސް މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމުގެ ބާރާއި އިޚްތިޔާރު ޙަވާލުކުރެވޭ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށެވެ.