ކުޅިވަރު

އެމްބާޕޭ ފަރިތަކުރުންތަކުގައި ބައިވެރިނުވޭ، އެކަމަކު ފިޓް!


އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ކިލިއަން އެމްބާޕޭ ބައިވެރިނުވިނަމަވެސް އޭނާ މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.

ޑިޝޯމް ބުނީ އެމްބާޕޭ ފަރިތަކުރުންތަކުގައި ބައިވެރިނުވީ ރިސްކެއްނަގަން ބޭނުންނުވާތީ ކަމަށާއި، އެހެންނަމަވެސް އޭނާ ހުރީ ފިޓްކޮށް ކަމަށް. އެމްބާޕޭގެ އިތުރުން ޑިފެންޑަރު އުމްޓިޓީ އާއި ޕަވާ އަދި މިޑްފިލްޑަރ ކަންޓޭވެސް އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެއެވެ. އެހެންނަމަވެސް މިހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް ކަމަށް ފްރާންސް ޓީމުން ބުނެއެވެ.
މިރޭ ކުޅޭ ފީފާ ވޯލްޑް ކަޕް ސެމީފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ޔޮރިސް ބުނީ ބެލްޖިއަމް އަކީ ހުރިހާގޮތަކުން ބަލާއިރުވެސް މާ ފުރިހަމަ ޓީމެއް ކަމަށެވެ.

ޔޮރިސް ބުނީ ބެލްޖިއަމް ޓީމަކީ އެޓޭކާއި ޑިފެންސްވެސް މޮޅަށް ކުރާ، މަތިން އަންނަ ބޯޅަތަކުގެވެސް ބޭނުން އެންމެ ރަނގަޅަށް ހިފަންދަސްކޮށްފައިވާ ޓީމެއް ކަމަށެވެ. ބެލްޖިއަމް އަކީ މޮޅު ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޅު ޓީމެއް ކަމަށާއި، އެޓީމް ބަލިކުރެވޭނީ ވަރަށް ވަރުގަދަ މެޗެއް ކުޅެގެންކަމަށްވެސް ޔޮރިސް ފާހަގަކުރިއެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނީ އޮތް ހަމަ އެކަނި އެޑްވާންޓޭޖަކީ ފްރާންސްގެ ކުޅުންތެރިންނަށް އިދިކޮޅުން ކުޅޭ ކުޅުންތެރިން ވަރަށް ރަނގަޅަށް ދަސްވެފައިއޮތުން ކަމަށާއި، އެހެންނަމަވެސް އެއީ ދެޓީމަށްވެސް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.